ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެ، ބ. ފެހެންދޫ ރެލިގޭޓް ވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާ އަކުންނެވެ.

މިއަދުގެ މެޗަށް މާޒިޔާއިން ނުކުތީ ސަސްޕެންޝަނުގައި ހުރި ބިދޭސީ ފޯވަޑް ކޯނެލިއަސް ސްޓެވާޓާ ނުލައެވެ. މިއދުގެ މެޗަކީ ފެހެންދުއާއި މާޒިޔާއަށްވެސް ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ކުޅެން އޮތް ފަހުމެޗެވެ.

މިއަދުގެ މެޗުން މޮޅުވެ ނުވަ މެޗުން 19 ޕޮއިންޓާއެކު މާޒިޔާ އޮތީ ދެވަނައިގައެވެ. ފެހެންދޫއަށް ފުރަތަަމަ ބުރު ނިމުނު އިރު، ހަތަރު ޕޮއިންޓް ލިބިފައި އޮތުމުން އެޓީމު ވަނީ ރެލިގޭޓް ވެފައެވެ.

ފެހެންދޫ ތާވަލުގެ ނުވަވަނައިގައި އޮތް އިރު، ދިހަވަނައިގައި އޮތް ތިމަރަފުށިވެސް ވަނީ ރެލިގޭޓް ވެފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކުޅޭނީ އަށް ޓީމެވެ.

މިއަދުގެ މެޗު ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. ކުރީ ކޮޅުގައި ރަނގަޅު ޕާސްތަކެއް ޖަހައިގެން އެޓޭކް ކުރުމަށް މާޒިޔާއިން މަސައްކަތް ކުރި އިރު، މެޗުގެ ނުވަވަނަ މިނެޓުގައި އެޓީމުން ރަނގަޅު ފުރުސަތެއް ތަނަވަސް ކުރިއެވެ.

އަރިމަތިން ސަހާއު ނަގައިދިން ހުރަސް އަސަދުﷲ އަބްދުﷲ، އަސައްކޮ ބޮލުން ފޮނުވާލި ނަމަވެސް އެ ހަމަލާ ރޮނގުމަތިން ކޯނަރަކަށް ބޭރުކޮށްލީ ފެހެންދޫގެ ޑިފެންޑަރެވެ.

އެ ހަމަލާއިން ލިބުނު ކޯނަރުން މާޒިޔާ ލީޑު ނެގިއެވެ. ނާއިޒް ހަސަން، ދާދު ނަގައިދިން ކޯނަރު ބޮލުން ގޯލަށް ވައްދާލީ މުހައްމަދު އިރުފާން، އިރޭއެވެ.

ލީޑަށް ފަހުވެސް ރަނގަޅަށް ކުޅުނީ މާޒިޔާއިންނެވެ. އެހެންނަަވެސް ފެހެންދޫންވެސް އެޓޭކިން ގޭމެއް ކުޅުމަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ހާފްގެ މެދެއްހާ ހިސާބުން މުހައްމަދު ނިޒާމް ފޮނުވާލި ހިލޭ ޖެހުން ގޯލަށް އަމާޒުވި ނަމަވެސް މާޒިޔާ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ އެ ހަމަލާ ބޭރަށް ފޮނުވާލާފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ފުޅާކުރުމާ ގާތަށް ޖެހިލިއެވެ. އަސައްކޮ ހުރަސް ކޮށްދިން ބޯޅައަށް ޒުވާން ފޯވަޑް ސަހާއު ކުރިއަށް އެރިނަމަވެސް އޭނާގެ ހަމަލާ ފެހެންދޫ ގޯލްކީޕަރު ދިފާއުކުރިއެވެ.

ހާފް ނިމެންދިޔަ އިރު، އިތުރު ނުރައްކާތެރި ފުރުސަތުތަކެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނިޒާމްބެއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ މާޒިޔާ ގޯލްކީޕަރާ ދިޔަ އިރު، އަނެއްކޮޅުން މާޒިޔާއަށް ލިބުނު ފުރުސަތުގައި ސަހާއު ފޮނުވާލި ދިޔައީ މާމަތިން ބޭރަށެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. ހާފްގެ ފުރަތަމަ ކޮޅުގައި މާޒިޔާގެ ތިން ހަމަލާއެއް ފާހަގަކޮށްލެވުނެވެ.

ފެހެންދޫގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ސަހާއު ފޮނުވާލި ހަމަލާ ގޯލްކީޕަރު ދިފާއުކުރި އިރު، އޭގެ ރީބައުންސް ބޯޅަވެސް ބޭރުކޮށްލީ ގޯލްކީޕަރެވެ. އެ ހަމަލާގައި ލިބުނު ކޯނަރުންވެސް މާޒިޔާ ނުރައްކާ ކުރިއެވެ.

އަސައްކޮ ފުލުފުލުގައި ފޮނުވާލި ދެ ހަމަލާވެސް ދިފާއުކުރީ ގޯލްކީޕަރެވެ. ފަހު ހާފްގައި މާޒިޔާއިން އެޓޭކަކަށްފަހު އެޓޭކެއް ކުރަމުންދިޔަ ނަމަވެސް ލީޑު ފުޅާކުރެވޭނެ ގޮތެއް ނުވިއެވެ. ފުރަތަމަ ގޯލް ޖެހި އިރޭ އަދި ޔަސްފާދު ހަބީބު، މުލަކޭއަށް ލިބުނު ހަމަލާވެސް ބޭކާރުވިއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ފެހެންދޫގެ ބިދޭސީ ކުޅުންތެރިޔާ، ޗީމޯ ޕޮޓެންޝިއަލްއަށް ދެއްކި ރަތްކާޑަށްފަހު އެޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ ފަހުކޮޅުގައިވެސް މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެންމެ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗު ނިމެންދަނިކޮށްވެސް އަސައްކޮއަށް ދެ ފުރުސަތެއް ލިބުނެވެ.

ފުރަތަމަ ހަމަލާ ރަނގަޅަށް ގޯލަށް ފޮނުވާ ނުލެވުނު އިރު، ދެވަނަ ހަމަލާ ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެހެންދޫ ގޯލްކީޕަރެވެ. މާޒިޔާއިން ދެވަނަ ގޯލް ޖެހީ މެޗުގެ ފަހު މިނެޓުގައެވެ.

އަސައްކޮ ތަނަވަސްކޮށްދިން ބޯޅައިން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު އިމާޒު، އާއްކޮ ފޮނުވާލި ބާރު ހަމަލާ ފެހެންދޫ ގޯލްކީޕަރު ދިފާއުކުރި ނަމަވެސް ރީބައުންސްގައި އާއްކޮ ބޯޅ ގޯލަށް އެތެރެކޮށްލިއެވެ.

ދިވެހި ޕްރިމިއާލީގުގެ މެޗުތައް ދެން އޮންނާނީ މާދަމާއެވެ. ހަވީރު އޮންނަ މެޗުގައި ކްލަބު އީގަލްސްއާއި ފ. ނިލަންދުއެވެ. މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ނިއުއާއި ގްރީން ސްޓްރީޓްސްއެވެ.