1-2 އިން ފްރާންސް އަތުން ބަލިވެ، ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވުމުގެ ބިރު ޖަރުމަނަށް ކުރިމަތިވެއްޖެއެވެ.

ރޭގެ މެޗުން ބަލިވުމުން ޖަރުމަނު އޮތީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގު އޭ ގެ ގްރޫޕް އެކެއްގެ ފުލުގައެވެ. ދެވަނައިގައި ޖަރުމަނަށް ވުރެ އެއް މެޗު މަދުން ކުޅެ ތިން ޕޮއިންޓާ އެކު ނެދަލޭންޑްސް އޮތްއިރު އެއްވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ފްރާންސްއެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ދެމި ތިބެވޭނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށެވެ.

މުބާރާތުގައި ޖަރުމަނަށް ބާކީ އަދި އެއް މެޗު އޮތްއިރު، އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗުގައި އެޓީމު ބައްދަލުކުރާނީ ނެދަލޭންޑްސްއާއެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނަން ބޭނުންވާނަމަ އެ މެޗުން މޮޅުވުން ޖަރުމަނަށް މަޖުބޫރެވެ. މި ދެ ޓީމު ނެދަލޭންޑްސްގެ ދަނޑުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީ ނެދަލޭންޑްސް އިންނެވެ.

ފްރާންސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޖަރުމަނުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 14 ވަނަ މިނެޓްގައި ޖަރުމަނުން ވަނީ ލީޑުވެސް ނަގާފައެވެ. ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ޖަރުމަނުން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ކުޅުނީ ފްރާންސް އިން ކަމަށްވާއިރު މެޗުގެ 62 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ ފްރާންސަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފްރާންސް މި މެޗުން މޮޅުވި ގޯލުވެސް ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ.

ދެވަނަ ހާފްގައި ޖަރުމަނުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ފްރާންސްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ވެސް އެޓީމަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

މިއީ ޖަރުމަނު ޖެހިޖެހިގެން ބަލިވި ދެވަނަ މެޗު ކަމަށްވާއިރު، މިއީ 2000 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ވާދަވެރި ދެ މެޗުން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންކޮ

    ޖަރުމަނުގެ ކީޕަރ އާއި ކޯޗް ބަދަލު ނުކޮށް ތިޔަކަމެއް ޖަރުމަނަކަށް ނުވާނެ...!!!

  2. ބަލާ

    ފްރާންސްހާދަމޮޅޭ ވޯލްޑްކަޕްވެސް ކާމިޔާބުކޮށްަފަވަނީ ހަމަފްރާންސް މިއީ އަހަރެންބޭނުންވާ
    ގޮތް އަަހަރެން ސަޕޯރޓްކުރަނީ ފްރާސްއަށްއެއީ ފްރާންސްމޮޅުވީމަކާނޫން ހަނދާންހުންނަން
    ފެއްޓީންސުރެ ވާގޮތެއް ބުނެވޭނީ މިއީއިއްތިފާގެކޭ