މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން މުހައްމަދު އަޖުފާން ރަޝީދު އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ރޭ ކުޅެފައިވާ އިރު، ހުރިހާ މެޗެއްވެސް ކުރިއަށް ދިޔައީ ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އަޖުފާން ހޯދީ ފައިނަލްގައި ޒުވާން ކުޅުންތެރިޔާ އަހުމަދު ނިބާލް ބަލިކޮށްގެންނެވެ. ރޭގެ ފައިނަލަކީ ނިބާލްގެ ފުރަތަމަ ގައުމީ ފައިނަލެވެ.

ފައިނަލްގެ ސެޓުތައް އަޖުފާން ގެންދިޔައީ 21-12، 21-04 އިންނެވެ. ރޭގެ ކާމިޔާބީއާއެކު އަޖުފާން ވަނީ މިހާތަނަށް އަށް ފަހަރު ގައުމީ މުބާރާތް ކާމިޔާބުވެ ކޮށްފައެވެ.

އަންހެން ޗެމްޕިއަންކަން ނަބާހާއަށް ލިބުނީ އޭނާއާ ދެކޮޅަށް ފައިނަލްގައި ނުކުންނަން ހުރި، ޝަހުރުނާޒްގެ ފަޔަށް އަނިޔާވެ އޭނާ މެޗު ދޫކޮށްލުމުންނެވެ.

ސެމީ ފައިނަލް މެޗެއްގައި ޝަހުރުނާޒްގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ކުޅެން އޮތް އަންހެން ޑަބަލްސް ފައިނަލް މެޗުވެސް ޖެހުނީ ދޫކޮށްލާށެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބާހާ އާއި އައިމިނަތު ނަބާހާ، ދެބެންގެ ޕެއާއެވެ.

ފިރިހެން ޑަބަލްސް ތަށި ހޯދީ ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއުގެ ޕެއާއެވެ. ފައިނަލްގައި އެ ޕެއާއިން ވާދަކުރީ ނަޝްފާން މުހައްމަދާއި ނަޝީއު ޝަރަފުއްދީންގެ ޕެއާއާ ދެކޮޅަށެވެ.

މިއަހަރު މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބީހާއާއި ތޯއިފްގެ ޕެއާއެވެ. މެޗަކުން ބަލިނުވެ، ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ސީއެސް ސްޕޯޓްސްއެވެ.