ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ތަނަވަސް ކޮށްދިނ ފުރުސަތެއްގައި ގައުމީ ކްރިކެޓް ޓީމު ޕާކިސްތާނުގެ ޓުއާ އަކަށް ރޭ ފުރައިފިއެވެ.

ނުވަ ދުވަހުގެ ޓުއާ އަކަށް ޓީމު ފުރާފައިވާ އިރު، އެ ޓުއާއަކީ ކުރިއަށް އޮތް އޭސީސީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުން ކުރިއަށްގެންދާ ހާއްސަ ޓުއާއެކެވެ.

ރާއްޖެއިން ޕާކިސްތާނުގެ ލާހޯރަށް ދިޔަ ޓީމުގައި 16 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުން ހިމެނެއެވެ.

ޕާކިސްތާނުގެ ޓުއާގައި ރާއްޖޭގެ ގައުމީ ޓީމުން، އެގައުމުގެ ކްލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ ފަސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

އޭގެތެރެއިން ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މުރުދީކޭގެ ކަންޓްރީ ކްލަބު ޕިޗުގައެވެ. އެ ދެމެޗުގައި ރާއްޖެއިން ވާދަކުރާނީ އެންސީއޭ ޑެވަލޮޕްމަންޓް ކްލަބާއި ޕާކިސްތާން ލަޔަންސް ކްރިކެޓް ކްލަބާ ދެކޮޅަށެވެ.

ގައުމީ ޓީމުން ކުޅޭ އަނެއް ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ލާހޯރުގެ ޖިމްހާނާ ކްރިކެޓް ގްރައުންޑުގައެވެ. އެ މެޗުތައް ކުޅޭނީ އަހުމަދު ގްލާސް ކްރިކެޓް ޓީމާއި، ޖިމްހާނާ ކްރިކެޓް ޓީމުގެ އިތުރުން އޭސީސީއޭއާ ދެކޮޅަށެވެ.

ރާއްޖެއިން ޕާކިސްތާނުގައި ކުޅޭ ހުރިހާ މެޗަކީވެސް ޓީ20 ސީރީޒްގެ މެޗުތަކެވެ. ޕާކިސްތާނަކީ ކްރިކެޓުން ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ ގައުމަކަށްވާ އިރު، އެގައުމުގެ ކްލަބުތަކާ ދެކޮޅަށް ކުޅުމަކީ ރާއްޖޭގެ ޓީމަށް ރަނގަޅު ތަޖުރިބާއަކަށް ވާނެއެވެ.

 

ޕާކިސްތާނަށް ދިޔަ ރާއްޖޭގެ ސްކޮޑު

 • މުހައްމަދު މަހެފޫޒް - ކެޕްޓަން
 • މުހައްމަދު އައްޒާމް - ވައިސް ކެޕްޓަން
 • މައުރޫފް އަމީލް
 • ހަސަން ހާޒިގު ރަޝީދު
 • އިބްރާހީމް ހަސަން
 • އިބްރާހީމް ރިޒާން
 • އަލީ އިސްމާއީލް
 • ސައީދު ސާފީ މުހައްމަދު
 • އާދަމް ސާއިފް އުމަރު
 • ޝާހިދު އަބްދުﷲ
 • ރިޝްވާން މުހައްމަދު
 • ޔޫސުފް އަޒްޔާން ފަރުހަތު
 • އިބްރާހީމް ނަޝާތު
 • އިސްމާއީލް ނަޒުވާން ބަދީއު
 • ހަސަން އިބްރާހީމް ޝައުފު
 • މުއާވިއަތު އަބްދުލްޣަނީ

ޓީމާއެކު ގޮސްފައިވާ އޮފިޝަލުންނަކީ ދެކުނު އެފްރިކާގެ ކޯޗު، ހާން މުހައްމަދު އާސިފް އަމީނާއި އެސިސޓެންޓް ކޯޗު ނީޝަމް އަހުމަދު، މެނޭޖަރު މަހުމޫދު ރިޔާޒް އަދި ފިޒިއޯ ވަޑޫޖް ކަލާނާ ކަވިންދާއެވެ.