ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)ގެ ފަރާތުން އެކަށީގެންވާ ހިދުމަތް ލިބެމުން ނުދާކަމަށް ބުނެ، އެ ކްލަބުން އިންމައާ ދެމެދުވެފައިވާ އެއްބަސްވުން އުވާލައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އިންމައާއި ނިއުއާ ދެމެދު ވެފައިވާ އެއްބަސްވުން އެ ކްލަބުގެ ޗެއާމަން އަހުމަދު ޒިޔާދު އުވާލައްވާ، އިއްޔެ ވަނީ ސިޓީއެއް ފޮނުވާފައެވެ. ސިޓީގައި ވަނީ އޯގަސްޓް އެއްވަނަ ދުވަހުން ފެށިގެން އިންމަގެ ފަރާތުން ކްލަބަށް ހިދުމަތް ލިބެމުން ނުދާ ކަމަށާއި، އިންމައަކީ ކްލަބުން ބޮޑު އެޑްވާންސެއް ދީފައި ހުންނަ ކުޅުންތެރިއެއް ކަމުން އެކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ނިއުއިން އެހެން ބުނެފައިވާ އިރު، ކޮންޓްރެކްޓްގައި ވާގޮތުގެމަތިން މުސާރަ ނުދޭތީ އިންމަ ވަނީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައެވެ. އިންމަ ބުނެފައި ވަނީ އެފްއޭއެމްއަށް މުސާރައިގެ މައްސަލަ ހުށަހެޅީ ވަރަށް ދުވަސް ވަންދެން ކްލަބުގެ ތެރެއިން މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމަށްފަހުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިންމަގެ އިތުރުން ނިއުގެ އެހެން ގިނަ ކުޅުންތެރިންތަކެއްގެ މުސާރައިގެ މައްސަލަތައްވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން ގިނަ ކުޅުންތެރިންތަކެއް ކްލަބުގެ ފަރިތަކުރުންތަކަށް ނުކުންނަންވެސް ވަނީ ދެކޮޅު ހަދާފައެވެ.

މުސާރައިގެ މައްސަލަތާ ގުޅިގެން ނިއުއިން ބުނެފައި ވަނީ ކުޅުންތެރިންގެ މުސާރަތައް ދިނުމުގައި ޑިލޭއެއް އުޅޭ ކަމަށާއި، އިންމައަށްވެސް މުސާރަ ނުދެވިވާކަން ގަބޫލުކުރާ ކަމަށެވެ. ނިއުއިން އެގޮތަށް ކުރިން ބުނެފައި ވަނިކޮށް، މުސާރައިގެ މައްސަލަ އެފްއޭއެމްގައިވެސް އޮއްވާ، އިންމަގެ ފަރާތުން ހިދުމަތްތައް ނުލިބޭތީ ކޮންޓްރެކްޓް އުވާލުމުން އެކަމާ ސުވާލަތަކެއް އުފެދެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ނިއުގެ އޭރުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށްވެސް ކްލަބުން މުސާރަ ނުދޭ ކަމަށްބުނެ، އޭނާވެސް ވަނީ އެފްއޭއެމްއަށް މައްސަލަ ހުށައަޅާފައެވެ. އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްއިން ދަނގަޑޭއާ ނިއުއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްދީފައިވާ އިރު، ދަގަނޑޭ ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.

ނިއު ރޭޑިއަންޓުން މި ސީޒަނަށް ތައްޔާރުވީ ބޮޑެތި ޓްރާންސްފާ ތަކަކާއެކުގައެވެ. އެގޮތުން އަފްގާން ގައުމީ ޓީމުގެ ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީވެސް ޓީމަށް ގެނެސްފައިވާ އިރު، އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ޓީމު ނުދިޔުމުން އެޓީމަށް ފައިސާގެ މައްސަލަތައް ދިމާވާން ފެށިއެވެ. އެގޮތުން އެ މުބާރާތުން ކެޓި ހިސާބުން ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ޝަކުވާތައް ފެންމަތިވެފައިވާ އިރު، އަމީރީވެސް ކްލަބު ދޫކޮށް ދިޔައީ މުސާރަ ނުދޭ ކަމަށް ބުނެއެވެ.

މާލީ ދަތިތަކާ ހެދި ނިއުއަށް ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އޮސްކާ ބުރުޒޯންވެސް ވަނީ ކްލަބު ދޫކޮށް، ބަންގްލަދޭޝް ލީގުގެ ބަޝުންދުރަ ކިންގްސްއާ ގުޅިފައެވެ. އޮސްކާ ވަނީ ނިއުއަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ޖޯޖު ގޮޓޯވެސް އެޓީމަށް ގެންގޮސްފައެވެ.

އިންމައަކީ ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި 17 އަހަރު ހޭދަކުރުމަށްފަހު ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރި ނަމަވެސް، އަދިވެސް ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރަކީ އިންމަކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އިންމައަކީ ރާއްޖޭގެ އެއްވަނަ ގޯލްކީޕަރުގެ އިތުރުން އެންމެ ގިނަބައެއްގެ އިހުތިރާމް ލިބިފައިވާ އެއް ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމުރާނު

    ފުޓުބޯޅަވެސް ސިޔާސީވެފަ. ހީކުރީ ދަގަނޑޭމެން ކަހަލަ ޕްރޮފެޝަނަލް މީހުން އެވައްތަރައް ނޫޅޭނެކަމައް. ގައުމީޓީމައް ނުނެގީމަ އައިރުޅިގަނޑު ސިޔާސީވީ. ސިޔާސީ ފުޓުބޯޅަޓީމެއްހަދާ އަލީ ވަހީދު ކޯޗަކައް ހަދަންފެނޭ .