އިންޑިއާ ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސުނިލް ޗެތުރީ ބޭނުން ވަނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ސްޓިފަން ކޮންސްޓެންޓައިން އެ މަގާމުން ބޭރު ކުރަން ނަމަވެސް، އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނުން އެކަމާ ދެކޮޅު ހަދާކަމަށް ގައުމުގެ އެންމެ ބޮޑު އެއް މީޑިއާ ޓައިމްސްއިން ބުނެފިއެވެ.

އިންޑިއާއިން އޭޝިއަން ކަޕަށް ތައްޔާރުވަމުންދާ އިރު، އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި އިންޑިއާއިން ކުޅުނީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކެރެލާ ބްލާސްޓާސްގެ ކެޕްޓަން، ޑިފެންޑަރު ސަންދޭޝް ޖިންގަންއެވެ.

ފުރަތަމަ 11ގައި ޗެތުރީ ހިމެނިފައިވީ ނަމަވެސް، އޭނާ އަތުން ކެޕްޓަން ބޭންޑް ނަގައިފައިވުމުން އެކަމާ ގިނަ ބަޔަކު ވަނީ ސުވާލުތަކެއް އުފައްދާފައެވެ. ޓައިމްސްއާ ހަވާލާދީ ފޮކްސް ސްޕޯޓްސްއިން ބުނެފައި ވަނީ ޗެތުރީ އަތުން ބޭންޑް ނަގައިފައި ވަނީ ކޯޗާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. އަދި ސުނިލް ޗެތުރީއާއެކު ކޯޗާ ދެކޮޅަށް ބައެއް ސީނިއާ ކުޅުންތެރިން ނުކުމެފައިވާ ކަމަށްވެސް ފޮކްސްއިން ބުނެފައިވެއެވެ.

ޓައިމްސްއިން ބުނެފައި ވަނީ ޗެތުރީގެ ފަރާތުން ކޯޗު ބޭރުކުރުމަށް އެދި އިންޑިއާގެ ފެޑަރޭޝަނަށް މައްސަލަ ހުޅަހަޅާފައިވާ ކަމަށެވެ. އަދި ޗެތުރީ ބޭނުން ވަނީ ކުރިން ބެންގަލޫރު އެފްސީގައި އޭނާއާއެކު މަސައްކަތް ކުރި، ސްޕެއިންގެ އެލްބާޓް ރޯކާ، ގައުމީ ކޯޗުގެ މަގާމަށް ގެންނަން ކަމަށްވެސް ޓައިމްސްގައި ބުނެފައިވެއެވެ.

ރޯކާއަކީ އިންޑިއާގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާ ވަނީ ބެންގަލޫރު އެފްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ޚާއްސަ ގޮތެއްގައި 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލަށް ބެންގަލޫރު އެފްސީ ގެންދިޔުމަކީ ރޯކާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ. އެކާމިޔާބީގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ބޭންޑް އަޅަމުން އަންނަ ޗެތުރީއެވެ.

ބާސެލޯނާގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކުރި ރޯކާ ބެންގަލޫރު އެފްސީ ދޫކޮށްލީ މިދިޔަ ސީޒަނަށް ފަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ތުރުކީގެ ގަލަޓަސަރާއީ އަދި ސައުދީ އަރަބިއާގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ.

އިންޑިއާގެ ކޯޗަކަށް ރޯކާ ގެންދަން ޗެތުރީ ބޭނުންވި ނަމަވެސް، އެކަމާ ފުޓުބޯޅަ އިދާރާއިން ދެކޮޅެވެ. އިންޑިއާގެ ފުޓުބޯޅަ އިދާރާގެ ވިސްނުން ހުރި ގޮތުން 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ނިމެންދެން ގައުމީ ޓީމުގެ ކޯޗުކަމުގައި ހުންނާނީ ކޮންސްޓެންޓައިންނެވެ.

ކޮންސްޓެންޓައިން ފާހަގަކޮށްލެވިފައި ވަނީ ގައުމީ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިން ކޯޗެއްގެ ގޮތުގައެވެ. ހާއްސަކޮށް އިންޑިއާގައި ޒުވާން ކުޅުންތެރިންތަކެއް އުފެއްދުމަށް އޭނާ ވަނީ ގިނަ މަސައްކަތަކެއް ކޮށްފައެވެ. އެގައުމުގެ ޒުވާން ޓީމުތަކުން ބައިނަލްއަގުވާމީ ލެވެލްގައި ހޯދަމުންދާ ކާމިޔާބީތައް އެކަމަށް ހެކިވެސް ދެއެވެ.

ކޯޗާ ޗެތުރީއާ މައްސަލަ ޖެހިފައިވާ އިރު، ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ޗެތުރީއެވެ. އެގޮތުން ބައިޗުން ބުޓިޔާއަށްފަހު އިންޑިއާ ގައުމީ ޓީމުގައި އެންމެ ކާމިޔާބު ކުޅުމެއް ދައްކަމުން އަންނަ ޗެތުރީ، ގައުމީ ޓީމަށް މިހާތަނަށް 64 ގޯލް ޖަހާފައިވާ އިރު، އޭނާއަކީ މިހާރު ދުނިޔޭގެ ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނައެވެ. ލިސްޓްގެ އެއްވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ 81 ގޯލް ޖަހައިގެންނެވެ. ތިންވަނައިގައި އޮތް އާޖެންޓީނާގެ ލިއޮނަލް މެސީއަށްވެސް ގޯލް ޖެހިފައި ވަނީ ޗެތުރީއާ އެއް އަދަދަކަށެވެ.

ކިޔުންތެރިންގެ ހިޔާލު