ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ފ. ނިލަންދޫ ބަލިކޮށް، ކްލަބު އީގަލްސްއިން ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުން އީގަލްސް މޮޅުވީ 7-2ގެ ނަތީޖާއަކުންނެވެ. އެންމެފަހުން އީގަލްސްއިން ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގައިވެސް ހެޓްރިކް ހެދި ޒުވާން ފޯވަޑް އަހުމަދު ރިޒުވާން (ރިޒޭ) ވަނީ މިއަދުގެ މެޗުގައިވެސް ހެޓްރިކް ފުރިހަމަކޮށް، މިހާތަނަށް ލީގުގައި ޖެހި ގޯލްގެ އަދަދު 16 އަށް އިތުރުކޮށްފައެވެ. މިހާރު ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީވެސް އޭނައެވެ.

މިއަދުގެ މެޗު ވަރުގަދަކޮށް ފެށީ އީގަލްސްއިންނެވެ. އާއްމުކޮށް އެޓީމުގެ ފަރާތުން ފެންނަ ކުދި ޕާސްތަކާއި، ހަލުވި އެޓޭކްތައް މެޗުގައި ކުރީކޮޅުގައި ފެނިފައިވާ އިރު، ފަސްވަނަ މިނެޓުގައި ލީޑު ނެގިއެވެ. ނިލަންދޫގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ، މުހައްމަދު ނާއިމް ފޮނުވާލި ބާރު ހަމަލާ ތިރިތިރީން އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

މިއަދުގެ މެޗަށް އީގަލްސްއިން ނުކުތީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)އާއި، ޒުވާން ފޯވަޑް ހަސަން ރާއިފް (ހަންނަ) ފުރަތަމަ 11ގައި ނުހިމަނަށެވެ.

އީގަލްސްއިން ފުރަތަމަ ގޯލަށްފަހުވެސް ފުލުފުލުގައި އެޓޭކް އުފައްދަމުން ދިޔައެވެ. އެޓީމުގެ ހަލުވި ކުޅުން ހުއްޓުމަށް ނިލަންދޫގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިވި އިރު، ފުރަތަމަ ގޯލަށް ހަތަރު މިނެޓްފަހުން އީގަލްސްއިން ލީޑު ފުޅާކުރިއެވެ. އަރިމަތިން ބިދޭސީ ކުޅުންތެރިޔާ ކޮމިލޯވް އަބްދުރަސުލް (ރަސުލް) ނަގައިދިން ހުރަސް، ނިލަންދޫގެ ގޯލްކީޕަރު ސޮބާހު ޕަންޗުކޮށް ބޭރުކޮށްލި ނަމަވެސް، ރީބައުންސް ބޯޅަ ނިންމާލީ ޖުމައިލް ޖަމީލެވެ.

ދެވަނަ ގޯލަށްފަހުވެސް އީގަލްސްއިން އެޓޭކް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ތިންވަނަ ގޯލެއް އީގަލްސްއިން ޖެހިއެވެ. އަރިމަތިން ނަގައިދިން ހުރަހަށް ކުރިއަށް ޖެހި، ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހަސަން ޝީފާއު (ކްރޯ)އެވެ. ކްރޯ ވަނީ އެންމެފަހުން އީގަލްސްއިން ކުޅުނު ހަތަރު މެޗުން ހަތަރު ގޯލް ޖަހައިފައެވެ.

ހާފް ނިމުމުގެ ކުރިން މެޗުގެ 27 ވަނަ މިނެޓުގައި އީގަލްސްއިން ހަތަރުވަނަ ގޯލެއް ޖެހިއެވެ. ރަސެލްގެ ހުރަސް، އޭރިއާ ތެރޭގައި ކޮންޓްރޯލް ކޮށްލުމަށްފަހު ޑިފެންޑަރުވެސް ނައްޓާލާ ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލީ މެޗުގައި ހެޓްރިކް ހެދި ރިޒޭއެވެ.

ފުރަތަމަ ހާފްގެ ފަހުކޮޅުގައި ދެޓީމުގެ ފަރާތުންވެސް އެންމެ އެދެވޭ އެޓޭކްތަކެއް އުފެއްދިފައި ނުވާ އިރު، ދެވަނަ ހާފަށް އީގަލްސްއިން ނުކުތީ ދެ ބަދަލަކާއެކުގައެވެ. ރަސުލްގެ ބަދަލުގައި ބަކާ ކުޅެން ނުކުތް އިރު، މެދުތެރެއިން ކުޅެމުންދިޔަ މޫސަގެ ބަދަލުގައި ހަންނަވެސް ކުޅެން ނުކުތެވެ.

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ނިލަންދޫންނެވެ. އެޓީމުން ކުރިއަށް ޖެހި ހިތްވަރާއެކު ކުޅެމުން ދިޔައެވެ. ހާއްސަކޮށް ބިދޭސީ ކުޅުންތެރިޔާ ވޭކޫ ލޫކަސްގެ ނުރައްކާ އީގަލްސްގެ ޑިފެންސަށް ކުރިމަތިވިއެވެ.

މެޗުގެ 48 ވަނަ މިނެޓުގައި ނިލަންދޫން ގޯލް ޖެހިއެވެ. މެދުތެރެއިން ދިން ބޯޅައަކަށް ކުރިއަށް ޖެހި، ލޫކަސް ބޯޅަ ގޯލަށް ވައްދާލީ އީގަލްސްގެ ކެޕްޓަން، ގޯލްކީޕަރު ސުޖާން ޕެރޭރާވެސް ނައްޓާލުމަށްފަހު ހުސްކޮށް އޮވެގެންނެވެ. ލޫކަސްގެ ފުރަތަމަ ގޯލާއެކު ނިލަންދޫއަށް އިތުރު އުންމީދެއް ލިބިގެންދިޔައެވެ.

މެދުތެރެއިން ރަނގަޅު ޕާސްތަކެއް ޖަހައިގެން ނިލަންދޫން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ އެޓީމުން ދެވަނަ ގޯލެއްވެސް ޖެހުމެވެ. މިފަހަރުވެސް ގޯލް ޖަހައިދިނީ ލޫކާސްއެވެ. އޭރިއާ ބޭރުން، މަތިމަތިން އައި ބޯޅަ ވައިގެ ތެރޭގައި އޮއްވާ އޭނާ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ.

ނިލަންދޫގެ ގޯލާއެކު އީގަލްސް ސިއްސުވާލިއެވެ. އެޓީމުން ކުޅުން ރަނގަޅު ކުރަން މަޖުބޫރުވިއެވެ. މެދުތެރެއިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން އަނެއްކާވެސް އީގަލްސް ކުޅެން ފެށިއެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ބަކާގެ ބާރު ހަމަލާއެއް ފެނިގެން ދިޔައެވެ.

ހާފްގެ މެދެއްހާ ހިސާބުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ. ބަކާގެ ހަމަލާއަށް މާގިނައިރެއް ނުވެ، އީގަލްސްއިން ފަސްވަނަ ގޯލެއް ޖަހައި، ހަމަޖެހިލިއެވެ. ހަންނަގެ ރީތި ޕާހަކުން ގޯލް ޖަހައިދިނީ ރިޒޭއެވެ.

ފަސްވަނަ ގޯލަކަށްފަހުވެސް އީގަލްސްއިން އެޓޭކް އުފައްދަމުންދިޔައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ރިޒޭގެ ބޯޅައަކުން ކްރޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. މެޗު ނިމެން ދަނިކޮށް އީގަލްސްއިން އިތުރު ދެ ގޯލް ޖަހައި، ނަތީޖާ 7-2އަކަށް ބަދަލުކޮށްލިއެވެ. އެ ދެގޯލް ޖަހައިދިނީ ނާއިމްއާއި ރިޒޭއެވެ.

މިއަދުގެ މެޗުން މޮޅުވެ، އީގަލްސްއިން ވަނީ ފުރަތަމަ ބުރު ނިމުނު އިރު، ނުވަ މެޗުން 20 ޕޮއިންޓް ހޯދައިފައެވެ. އެޓީމު ދެވަނައިގައި އޮތް އިރު، މިރޭގެ މެޗުން މޮޅުވެ ނިއުއަށް ދެވަނައަށް އެރެން އޮތީ ކްލަބު ގްރީން ސްޓްރީޓްސް ކައިރިން ތިން ގޯލްގެ ތަފާތަކުން މޮޅުވެގެންނެވެ.

އެއްވަނަގައި ޓީސީ އޮތީ އަށް މެޗުން 21 ޕޮއިންޓާއެކުގައެވެ. ނިލަންދޫއަށްވެސް ދެވަނަ ބުރު ޔަގީންވެފައިއޮތް އިރު، ފުރަތަމަ ބުރުން އެޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއުއާއި ގްރީންއެވެ.