ފުޓްބޯޅައިގެ ތެރެއަށް އެނބުރި އަންނަން ގިނަ ދުވަސްތަކެއް ވަންދެން އާސެނަލްގެ ކޯޗު ކަމުގެ މަގާމުގައި ހުރި އާސެން ވެންގާ ތައްޔާރުވެއްޖެއެވެ.

22 އަހަރަށްފަހު ވެންގާ އާސެނަލް ދޫކޮށްލާފައިވަނީ މިދިޔަ ސީޒަނަށްފަހުއެވެ. އޭގެފަހުން ވެންގާ މިވަގުތު ފުޓްބޯޅަ އާއި ދުރުގައި ހުރި ނަމަވެސް ގިނަ ހުށަހެޅުންތަކެއް އޭނާ އަށް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުގެ ކުޅިވަރު ނޫހެއް ކަމަށްވާ "ބިލްޑް" އަށް ދިން އިންޓަވިއުއެއްގައި ފްރާންސް އަށް އުފަން ވެންގާ ބުނީ ބެލެވޭ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް އޭނާ އެނބުރި އަންނާނީ އަންނަ އަހަރުގެ އެއްވަނަ ދުވަހު ކަމަށާއި ނަމަވެސް މަސައްކަތް ކުރާނީ ކޮން ތަނެއްގައިކަން އަދި ނިންމާފައިނުވާ ކަމަށެވެ.

"މިހާރު އަރާމު ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ. އަލުން އެނބުރި މަސައްކަތް ކުރަން މިހުރީ ތައްޔާރަށް" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި އާސެނަލްގައި 22 އަހަރު ހޭދަކޮށްފައިވުމުން ތަފާތު އެކި ލެވެލްތަކުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

ދާދިފަހުން ޖަޕާނުގެ ގައުމީ ޓީމުގެ ކޯޗުކަމާ ވެންގާ ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނުއިރު ޕީއެސްޖީގެ އިސް މަގާމެއް ވެންގާ އަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިގެން ގޮސްފައެވެ.

އުމުރުން 68 އަހަރުގެ ވެންގާ އާސެނަލްއާ ގުޅުނީ 1996 ވަނަ އަހަރު ޖަޕާނުގެ ކްލަބެއް ކަމަށްވާ ނަގޯޔާ ގްރެމްޕަސް އިންނެވެ.

ވެންގާ އާސެނަލް ދޫކޮށްލިއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އާސެނަލް އިން ވަނީ ތިން ފަހަރެއްގެ މަތިން ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.