މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އަށް ހައްގު ކަމަށް އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ބުނެފިއެވެ.

މިއަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ފްރާންސް އަށް ކާމިޔާބުކޮށްދިނުމުގައި އެމްބާޕޭ މުހިއްމު ދައުރެއް އަދާކުރިއިރު އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. އެގޮތުން ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އެމްބާޕޭއެވެ.

މިއަހަރުގެ ބެލޮންޑިއޯ އަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރޭގައި ވެސް އެމްބާޕޭ ހިމެނޭއިރު އޭނާއާއެކު ޕީއެސްޖީ އަށް ކުޅެމުން އަންނަ ބުފޮން ބުނީ ވޯލްޑް ކަޕްގައި އެމްބާޕޭ އަދާކުރި ދައުރަށް ބަލާއިރު ބެލޮންޑިއޯ އެވޯޑު އޭނާ އަށް ހައްގުވާ ކަމަށެވެ.

"އެމްބާޕޭގެ އެހުރި ފެންވަރާއި، ދަނޑު މަތީގައި އޭނާ ދައްކާ ކުޅުމާއި އަދި ވޯލްޑް ކަޕްގައި އޭނާ އަދާކުރި ދައުރެއް ބަލާއިރު، ބެލޮންޑިއޯ އެވޯޑު އޭނާ އަށް ހައްގު. މިކަމާ ދެކޮޅެއް އަހަންނަކަށް ނުހެދޭނެ' ބުފޮން ބުންޏެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ އަކީ ވަރަށް ހާއްސަ ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި މިހާރު ދައްކަމުންދާ ކުޅުމާއި އަހުލާގު އެގޮތުގައި ހިފަހައްޓައިފިނަމަ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްބާޕޭ އަށް ހުރެވިދާނެ ކަމަށްވެސް ބުފޮން ބުންޏެވެ.

މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަނުގައި ވެސް އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީ ކުޅެދިން ހަތް މެޗުގައި 10 ގޯލު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޮނާލްޑޯ

    ނަޫން ހައްގެއްް

    • މޮޑްރިޗް

      ރޮނާލްޑޯ ހައްގެއް ނޫނޭ ބުންޏަސް ނުވާނޭ ، މަ މިހުއެންނު.