ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިޒާމްކޮށްގެން އެ ޤައުމުގައި ބާއްވަމުންގެންދާ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް) ކޮމްޕެޓިޝަން 2018" މުބާރާތުގައި ބައިވެރިވި ރާއްޖޭގެ އެމްއެންޑީއެފްގެ ޕޭސަސް ޓީމުން މުބާރާތުގެ ރިހި މެޑަލްއާއެކު މާލެ އައުމުން ދިވެހި ސިފައިންގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމްއެންޑީއެފް ޕޭސަސް ޓީމު ރިހި މެޑަލްއާއެކު އިއްޔެ ރާއްޖެ އައިސްފައިވާ އިރު، ޕޭސަސް ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދެވެ. ބޮޑެތި އަސްކަރިއްޔާތަކެއް ވެސް ވާދަކުރި މި މުބާރާތުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް ޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެ ޓީމުގެ މެންބަރުންނާ ބައްދަލުކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވައި، މަރުހަބާ ދަންނަވާފައެވެ.

އެމްއެންޑީއެފް ޕޭސަސް ޓީމު މާލެ އައުމުން އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ވެސް ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވި އެ ހަފުލާގައި، ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޖެނެރަލް އޮފިސަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ހަފުލާގައި ކޭކު ފެޅުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިމަހު އަށަކުން 14އަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދިޔަ ޕޭސަސް މުބާރާތުގައި ޖުމްލަ 19 ޤައުމަކުން ބައިވެރިވި އިރު، އެ މުބާރާތުގައި ބޭއްވި އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މިނީ މެރަތަންއިން ކޯޕްރަލް ހުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯއްދަވާފައެވެ.

މިފަހަރުގެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރި ކުރީ ސިފައިންގެ ނުވަ މީހުންގެ މައްޗަށް ހިމެނޭ ޓީމެކެވެ. އެ ޓީމުގައި އިތުރު ދެ ރިޒާވަރުންނާއި މެނޭޖަރަކު ހިމެނުނެއެވެ.

ފިޒިކަލް ގިނަ ހަރަކާތްތަކަކާ އެކު ކުރިއަށްދިޔަ މި މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓްއަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ހިމެނުނުއިރު، ފަޔަރިންގއާ އެކު ކުރިއަށްދިޔަ ކޮމްބެޓް އެފިޝެންސީ ޓެސްޓް (ސީއީޓީ) ވެސް އޮތެވެ.

އެމްއެންޑީއެފް ޕޭސަސް ޓީމު މާލެ އައުމުން ކީ މަރުހަބާގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ޕާކިސްތާނު އާމީއިން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމަކުން ވިލަރެސްކުރި މި މުބާރާތަކީ، ސަރަހައްދީ ގައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް މޮޑާން ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

އިންޑިވިޖުއަލް އަދި ޓީމު އިވެންޓެއްގެ ގޮތުގައި ކުރިއަށްދިޔަ މި މުބާރާތުގައި އެންމެ މޮޅު ތިން ޓީމާއި، މުބާރާތުގައި ބައިވެރިވާ ހުރިހާ ސިފައިންގެ ތެރެއިން އެންމެ ރަނގަޅަށް ސްކޯކުރާ "ފިޓެސްޓް އޮފް ދަ ފިޓް" ގެ މަގާމު ހޮވާފައިވެއެވެ.

އެމްއެންޑީއެފްގެ ޕޭސަސް ޓީމު ވަނީ މި މުބާރާތުގައި 2016 ވަނަ އަހަރު ވެސް ބައިވެރިވެ، އިންޑިވިޖުއަލް ކާމިޔާބީތަކެއް ހޯދާފައެވެ. އަދި މިއީ އެ މުބާރާތުގައި ސިފައިންގެ ޓީމު ވާދަކުރި ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު