އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތަކުގައި ވާދަކުރުމަށް ގައުމީ 19 އަހަރުން ދަށުގެ އަންހެން ޓީމު ކިރިގިސްތާނަށް ފުރައިފިއެވެ.

ރާއްޖޭގެ ޓީމުން ރޭ ކިރިގިސްތާނަށް ފުރާފައިވާ އިރު، މިއީ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ކޮލިފިކޭޝަންގައި ޖުމްލަ 24 ޓީމަކުން ވާދަކުރާ އިރު، ކޮލިފިކޭޝަންގެ ފުރަތަމަ ބުރު ކުރިއަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ހަ ގްރޫޕްގެ މެޗުތައްވެސް ކުރިއަށްދާނީ ހަ ގައުމެއްގައެވެ.

ރާއްޖެ ހިމެނެނީ ކޮލިފިކޭޝަން ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ހިމެނެނީ އުޒުބަކިސްތާނާއި، ކިރިގިސްތާނުގެ އިތުރުން ރާއްޖެއާއި ގުއާމް އަދި ޔޫއޭއީއެވެ. އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތައް މުބާރާތުގައި ވާދަކުރާ އިރު، އެންމެފަހުން ބޭއްވި އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު ވަނީ އަންނަ އަހަރުގެ މުބާރާތަށް އޮޓޮމެޓިކުން ކޮލިފައިވެފައެވެ. އެއީ ޖަޕާނާއި އުތުރު ކޮރެއާ އަދި ޗައިނާއެވެ.

ރާއްޖެއިން ދާދި ފަހުން 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައިވެސް ކުޅެފައިވާ އިރު، އެ މުބާރާތްވެސްވީ ޒުވާން އަންހެން ޓީމަށް މުހިއްމު ތަޖުރިބާ އަކަށެވެ. އެ މުބާރާތަށް ދިޔަ ސްކޮޑަށް މާ ބޮޑަށް ބަދަލުތަކެއް ނައިސް، ކޮލިފިކޭޝަނަށް ޓީމު ނުކުންނަ އިރު، އޭޝިއާގެ ގަދަ ބާރުތަކާ ދެކޮޅަށް މުހިއްމު ތަޖުރިބާއެއް ކުރެވޭނެކަން ޔަގީނެވެ.

ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެޑް ކޯޗު އަޒުމީ އަހުމަދު ބުނީ މިއީ ތަޖުރިބާ ދަތުރެއް ކަމަށެވެ.

"އަންހެން ފުޓުބޯޅައަކީ ރާއްޖޭގައި އަލަށް ކުރިއަރަމުން އަންނަ ކުޅިވަރެއް. ވަރަށް އާ ކުޅުންތެރިންތަކެއް ގޮވައިގެން މިދަނީ. އެހެންވީމަ މުހިއްމު ތަޖުރިބާއަކަށް ވާނެ. މިއީ ހަމަ ސާފް ގޭމްސްއަށް ދިޔަ ޓީމު. އިތުރަށް ގުޅިފައިވާނީވެސް، ޒުވާން ކުޅުންތެރިން ކޮޅެއް. 18 އަހަރުންވެސް ދަށުގެ ކުޅުންތެރިން ތިބޭނީ،" އަޒުމީ ބުންޏެވެ.

އޭފްސީ19 އަހަރުން ދަށު މުބާރާތުގެ ކޮލިފިކޭޝަނަށް ގައުމީ އަންހެން ޓީމުފުރުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އަޒުމީ ބުނެފައި ވަނީ މިއީ ކުރިމަގަށް ބައްޓަން ކުރެވޭނެ ޓީމެއް ކަމަށާއި، މި ޓީމުގައި ހިމެނެނީ 14، 15 އަހަރުގެ ކުޅުންތެރިން ކަމަށާއި، ގައުމީ ސީނިއާ ޓީމަށް މި ކުޅުންތެރިން ކުރިއަށް އޮތް ތަނުގައި ކުޅޭނެ ކަމަށެވެ.

ކިރިގިސްތާނަށް ދިޔަ ގައުމީ 19 އަހަރުން ދަށުގެ ޓީމު:

  • ފާތިމަތު ތީބާ (ކެޕްޓަން)
  • ފާތިމަތު މާހާ ނާސިރު
  • އައިޝަތު އީޝާ
  • އަރީފާ އަބްދުﷲ
  • ހަމްނާ އަލީ މާހިރު
  • މަރިޔަމް ވިޝާޔާ ވިލްދާން
  • އިންޝާ އާމިރު
  • ނަހުދާ މޫސާ
  • އައިމިނަތު ޝަފްނާ
  • ޖަންނަތު އާދަމް
  • މަރިޔަމް އިޝްފާ އަބްދުލް އަލީމް
  • ޝައިލާ ޖައުފަރު
  • ޝަޒުނީ އަލީ
  • އައިޝަތު ސިއުނާ
  • އުލާ ބިންތު އިޖްލާލް
  • އައިމިނަތު ޝަހާ
  • އައިޝަތު ސަނާ އިބްރާހީމް
  • ފާތިމަތު މާޝާ މުއީން
  • މަރިޔަމް ނިޝްފާ ފާއިދު
  • ފާތިމަތު ތާނީ ލަތީފް

ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނެނީ ކޯޗުން ކަމަށްވާ އަޒުމީ އަހުމަދާއި، އަނިލް އިސްމާއިލްގެ އިތުރުން އެސިސްޓެންޓް ކޯޗު އަހުމަދު ހުޝާމް، ފިޓްނަސް ޓްރެއިނާ މުއީނާ މުހައްމަދު އަދި ކިޓް މެނޭޖަރު މޫސާ އަބްދުލްހަކީމް، މެނޭޖަރު ޔާސްމީން އަބްދުﷲ އެވެ.

ޓީމަށް ހިތްވަރު ދިނުމަށް އެފްއޭއެމްގެ ނައިބު ރައިސާ ނާޒިމާގެ އިތުރުން ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒުވެސް ވަނީ ޓީމު ފުރިތަނަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސދ

    ކޮލިފިކޭޝަން ކޯޗެއް؟ ކްރިކެޓްތަ ؟ ވޮލީތަ ؟ ފްޓްބޯޅަތަ ؟ ޚަބަރު ކިޔައި ނިމުނު އިރުވެސް ކުޅެން އުޅެނީ ކޯޗެއްކަމެއް ނޭގުނު

  2. ފީތާ

    ފުޓްބޯޅަ. އެއްކޮއް ކޮޔާލީމަ ގެޓް ވާނެ. އެކަމަކު ހަބަރުގެ ގޮތުގައި ؛ޮޔާއިރު ފެށޭ ތަނުން ކޮންކަމަކާ ގުޅޭ ޓީމެއްކަން ބުނެލުންރަނގަޅު