ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ އިވެންޓުތަކެއް ކެންސަލް ވެއްޖެއެވެ.

ގައުމީ މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ އިވެންޓެއްގައި ވެސް ތިން ޓީމަކުން އެތްލީޓުން ވާދަކުރަން ޖެހެއެވެ. އެހެން ނޫންނަމަ އިވެންޓެއް ކެންސަލްވާނެއެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން އިވެންޓުތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާއިރު، އަންހެން ޑިވިޝަނުގެ ހުރިހާ އިވެންޓެއް ޖެހުނީ ކެންސަލް ކުރާށެވެ.

އިވެންޓުތައް ކެންސަލްވުމާ ގުޅިގެން އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ކްލަބުތަކުން އަންހެން އެތްލީޓުން ބައިވެރި ނުކުރުވުމަކީ ސުވާލު އުފައްދަންޖެހޭ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން ގައުމީ ލެވެލްގެ އަންހެން އެތްލީޓުންނަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ކްލަބުތަކުން އަންހެން އެތްލީޓުން ބައިވެރި ނުކުރުން މިއީ ސުވާލު އުފައްދަންޖެހޭ މައްސަލައެއް. މިކަމުގެ ސަބަބުން ނޭޝަނަލް ލެވެލްގެ އެތްލީޓުންނަށް ވަރަށް ބޮޑަށް ގެއްލުންވާނެ. އެމީހުންނަށް ވާދަވެރި މުބާރާތެއް އެ ގެއްލުނީ. ގައުމީ އެތްލީޓުން ޓީމުތަކާ އެފިލިއޭޓް ކޮށްގެންވެސް މުބާރާތުގައި ބައިވެރިކުރަން އެސޯސިއޭޝަނުން ވަނީ މަސައްކަތް ކޮށްފައި. އިވެންޓެއްގައި ތިން ޓީމު ބައިވެރި ނުވަންޏާ އެ އިވެންޓެއް ކެންސަލް ވާނެ. އެއީ ގަވާއިދު އޮންނަ ގޮތް. އެންމެފަހުން ސެޕްޓެމްބަރުގައި ބޭއްވި ގްރޯން ޕްރީ އިވެންޓެއްގައި ވެސް އަންހެން އަށް އެތްލީޓުން ވާދަކުރި. އެހެންވީމަ ނޭޝަނަލް ޗެމްޕިއަންޝިޕުގަ އަންހެން އެތްލީޓުން ނެތުމަކީ އެސޯސިއޭޝަނުގެ މައްސަލައެއް ކަމަށް ގަބޫލެއް ނުކުރަން" ތޮލާލް ވިދާޅުވިއެވެ.

ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 27 އަށެވެ. އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ މިފަހަރުގެ މުބާރާތް ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ އިވެންޓުތަކެއް ކެންސަލް ކޮށްފައިވާއިރު، ގައުމީ އަދި އިންޓަނޭޝަނަލް ލެވެލްގައި ވެސް ރާއްޖޭގެ އަންހެން އެތްލީޓުން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު