މި އަހަރު ކުރީކޮޅާ ހަމައަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ކަމުގައި މަސައްކަތް ކުރި އޮސްޓްރޭލިއާގެ ކޯޗު، ޑެރެން ސްޓެވާޓް މަރުވެއްޖެއެވެ.

އުމުރުން 52 އަހަރުގެ ސްޓެވާޓް މަރުވިކަން އޭނާގެ އާއިލާއިން ޔަގީން ކޮށްދީފައިވާ އިރު، އޭނާ މަރުވި ވަކި ހާއްސަ ސަބަބެއް އަދި މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެ، ގައުމީ ޓީމަށްވެސް ކުޅެފައިވާ ޑެރެން ސްޓެވާޓަކީ 1993 ވަނަ އަހަރު އޮސްޓްރޭލިއާގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޮސްޓްރޭލިއާ ލީގުގެ އިތުރުން ސިންގަޕޫރުގެ ކްލަބުތަކަށްވެސް ޑެރެން ސްޓެވާޓް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެހާސް އެއްވަނަ އަހަރު ކުޅުމުން ރިޓަޔާ ކުރުމަށްފަހު 2003 ވަނަ އަހަރު ޑެރެން ސްޓެވާޓް ވަނީ ކޯޗު ކަމަށް ނުކުމެފައެވެ. ސިންގަޕޫރު ލީގުގެ ވަރުގަދަ ކްލަބުތަކާއެކު ޑެރެން ސްޓެވާޓް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އިރު، އަމިއްލަ ގައުމުގެ ބޮޑެތި ކްލަބުތައް ކަމަށްވާ ނިއުކާސަލް ޖެޓްސް ފަދަ ކްލަބުތަކުންވެސް އޭނާއަށް އޮފާކޮށްފައި ވެއެވެ.

ޑެރެން ސްޓެވާޓް ރާއްޖޭގެ ކޯޗުކަމާ ހަވާލުވެފައި ވަނީ 2016 ވަނަ އަހަރު ޖުލައި މަހުގައެވެ. ފުރަތަމަ ހަތަރު މަހުގެ މުއްދަތަށް ޑެރެން ސްޓެވާޓް ރާއްޖެ އައި ނަމަވެސް، ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޖާގަ ހޯދައިދިނުމުން އެފްއޭއެމްއިން ދިގު މުއްދަތަކަށް އޭނާ އަލުން ގެނައެވެ.

ފަހުން އެނބުރި އައިސް ޑެރެން ސްޓެވާޓްގެ އެންމެ ބޮޑު މަސައްކަތަކަށްވީ ރާއްޖޭ ގައުމީ ޓީމު ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައި ކޮށްދިނުމެވެ. ޓީމަށް ކުރިއެރުންތައް ގެނައި ނަމަވެސް، ޓީމަށް ހަވާލުކުރި ޓާގެޓް ހާސިލް ކުރުމުން، ޑެރެން ސްޓެވާޓްގެ ކޮންޓްރެކްޓް ހަމަވުމުން އެފްއޭއެމްއިން ނިންމީ މި އަހަރު ކުރީކޮޅުގައި އޭނާ ފޮނުވާލުމަށެވެ.

ޑެރެން ސްޓެވާޓް ރާއްޖޭގެ ކޯޗުކަން ދޫކޮށް ދިޔަފަހުން އިތުރު ކްލަބަކަށް އަދި ގައުމަކަށްވެސް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑަޑަން

    މަރުވި ސަބަބު ހާމަ ކުރަން ނުކެރޭ ޒާތުގެ ކަމެއްގަްި މަރުވީ ބާއެވެ.

  2. އީމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  3. މީޙުން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎