ރާއްޖޭގެ ޒުވާން އަންހެން ފުޓުބޯޅަ ޓީމު ވާދަކުރި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ މިދިޔަ މަހު ބޫޓާންގައި ކުރިއަށް ގެންދިޔަ 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕެވެ.

އެ މުބާރާތަށް ގައުމީ ޓީމު ގޮސް، ސަރަހައްދީ ވަރުގަދަ ޓީމުތަކާ ވާދަކޮށްފައިވާ އިރު، ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ތަފާތު ބޮޑު ނަތީޖާތަކެއްވެސް ނުކުތެވެ. ބޫޓާން އަތުން ރާއްޖެ ބަލިވީ 13-0ގެ ނަތީޖާއަކުންނެވެ. އެއީ ފުރަތަމަ މެޗެވެ. ދެވަނަ މެޗުގައި ރާއްޖެއިން ވަރުގަދަ އިންޑިއާ އަތުން ބަލިވީ 8-0ގެ ނަތީޖާއަކުންނެވެ.

މެޗަކަށްފަހު މެޗެއް ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކުރިއެވެ. މުޅި ޓީމުގެވެސް ފުރަތަމަ މުބާރާތާއެކު މުހިއްމު ތަޖުރިބާއެއް ލިބުނެވެ. ގަދަ ހިތްވަރާއެކު ޒުވާން ޓީމު އެ މުބާރާތުގައި ބައިވެރިވެ، ހޯދި ނަތީޖާތަކަށްވެސް ބައެއް މީހުން ފާޑު ކިޔާފައިވާ އިރު، ޓީމު ވަނީ އެއަށްވުރެ ބޮޑު މުބާރާތަކަށް ފުރާފައެވެ.

ކިރިގިސްތާނުގައި އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ އަންހެން ކޮލިފިކޭޝަންގައި ރާއްޖޭގެ ޒުވާން ޓީމު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނާނެއެވެ. ރާއްޖެ ހިމެނެނީ ކޮލިފިކޭޝަން ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ހިމެނެނީ އުޒުބަކިސްތާނާއި، ކިރިގިސްތާނުގެ އިތުރުން ރާއްޖެއާއި ގުއާމް އަދި ޔޫއޭއީއެވެ. އޭޝިއާގެ އެންމެ މަތީ ފަންތީގެ ޓީމުތަކެވެ.

މުބާރާތަށް ދިޔުމުގެ ކުރިން ޓީމުގެ ކެޕްޓަން ފާތިމަތު ތީބާ ބުނީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި، ސާފުން ލިބުނީ ރަނގަޅު ކުރިއެރުމެއް ކަމަށެވެ.

"ކުޅޭ ކުޅުންތެރިން އަތުން ގޯސްތައްވެސް ހެދޭނީވެސް. މުބާރާތްތަކަށް އަލަށް ދާތީ ބަލި ނަތީޖާތަކެއް ނުކުތުމަކީ ދެރަވާން ޖެހޭ ކަމެއް ނޫން. އަސްލު އަޅުގަނޑުމެންނަށް 13-0 ވިޔަސް އެއީ ބޮޑު ތަފާތެއް ނޫން. އިންޑިއާ މެޗުގައި 8-0 އަކަށް ނަތީޖާ ދަށްކޮށް ލެވުމަކީ ވަރަށް އުފާވި ކަމެއް،" ތީބާ ބުންޏެވެ.

ތީބާ ބުނީ ސާފަށްވުރެ މި މުބާރާތް ރަނގަޅުވާނެ ކަމަށާއި، އެއީ ފުރަތަމަ ތަޖުރިބާއަށް ވުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"ސާފަށް ދިޔަ ޓީމަށްވުރެ ވަރުގަދަކޮށް މިހާރު ޓީމު އޮތީ. ސާފަކީ ހުރިހާ ކުޅުންތެރިންނަށްވެސް ފުރަތަމަ ތަޖުރިބާއަށްވީމަ ތަންކޮޅެއް ދަށްކޮށް ދިޔައީ. އެނގޭނެ ކަންނޭނގެ ސާފް ކަހަލަ މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުގެ ލެވެލް. އެއީ ފުރަތަމަ ތަޖުރިބާ، މި މުބާރާތަށް ކުރިއަށްވުރެ ރަނގަޅުވާނެ އެ ތަޖުރިބާ ލިބިފައި އޮތީމަ،" ތީމާ ފާހަގަކުރިއެވެ.

ތީބާ އިތުރަށް ބުނީ ސަރަހައްދީ ލެވެލްގެ މުބާރާތްތައް ކުޅުމަށް ގިނަ ފުރުސަތުތަކެއް ލިބުމަކީ ހުރިހާ ކުޅުންތެރިންނަށްވެސް ލިބޭ ހިތްވަރެއް ކަމަށާއި، ފުޓުބޯޅައަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ޝައުގުވެރިވަމުންދާ ކަމަށެވެ.

"ހުރިހާ ކުޅުންތެރިންނަށްވެސް ލިބޭ ހިތްވަރެއް ބޮޑެތި މުބާރާތްތަކަށް ގޮސް، އެ މުބާރާތްތަކުގައި ވާދަކޮށްލުމަކީ. ވަރަށް ޝައުގުވެރިކަމާއެކު ޕްރެކްޓިސްތަކަށްވެސް ހުރިހާ ކުދިން ދޭ. އެހެންވީމަ ހަމަ ކުރިއަރަން ބޭނުންވެފައި ތިބި ކުދިން މިއީ. ސާފަށް ދިޔައިރާ ބަލާފަ، މި މުބާރާތަށް މިދަނީ ވަރަށް ރަނގަޅަށް ޕްރެކްޓިސްވެސް ކޮށްފައި،" ތީބާ ބުންޏެވެ.

ތީބާއަކީ ރާއްޖޭގެ ސީނިއާ އަންހެން ގައުމީ ޓީމުގައިވެސް ހިމެނޭ ކުޅުންތެރިޔެކެވެ. 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ތީބާގެ ފަރާތުން ފެނުނު ލީޑާޝިޕަށް ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ ސީނިއާ ގިނަ ކުޅުންތެރިންނާއި ކޯޗުންވެސް އޭނާއަށް ތައުރީފް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިން

    ހިއްވަރާ އެކު ކުރިއައްދޭ ، އަދި ތިމް ގަ ހިމެނޭ ބާސްކެޓް ދޫކޮއްފަ ދިޔަ ކުދިން ފުޓްބޯޅައިން ކުރިއައް ދިއުމައް ގޮވާލާން

  2. ފާފަޅޯ

    ތީ ދައުލަތުން ކުރާ ބޭކާރު ޚަރަދެއް. ތިރީސް ސާޅީސް މީހުން ރާއްޖެއިން ބޭރަށް ހަމަ ޖައްސާލަން ދަނީ. ކީއްތަވާނީ ފުރަތަމަ އަންހެން ފުޓުބޯޅަ ލީގެއް ރާއްޖޭގައި ކުރިޔަށް ގެންދިޔައްޔާ. ހަމަ ކުދިން ކޮޅެއް ހޮވާލައިގެން ޤައުމީ ޓީމޭ ކިޔާފަ ރަގަޅަށް ބޯޅައިގަ ޖަހަންވެސް ނޭންގޭ ބަޔަކު ގެންގޮސްގެން ކޮން ހަޑިއެއް ހާވާކަށް. އަދި ބުނެފިއެއްނު ބޮޑުތަފާތަކުން ބަލިވުން އެއީ މައްސަލައެއް ނޫނޭ.

    • Anonymous

      މީ ބޭކާރު ހަރަދެއްގެ ގޮތެގައެއް ނުބެލެވޭ….. މިއީ ކުޅުންތެރިންނަށްވެސް ލިބޭ ތަޖުރިބާއެއް… އަދި ބޮޑު ތަފާތަކުން ބަލިވުމީ ވެސް މައްސަލައެއް ނޫން… މައްސަލައަކީ ދިވެހިން އެކުދިންނަށް އެއްބާރުުލުން ނުދިނުން….

  3. ފާތިމަތު

    މީ ބޭކާރު ހަރަދެއްގެ ގޮތެގައެއް ނުބެލެވޭ….. މިއީ ކުޅުންތެރިންނަށްވެސް ލިބޭ ތަޖުރިބާއެއް… އަދި ބޮޑު ތަފާތަކުން ބަލިވުމީ ވެސް މައްސަލައެއް ނޫން… މައްސަލައަކީ ދިވެހިން އެކުދިންނަށް އެއްބާރުުލުން ނުދިނުން…….