ފްރާންސްގެ ޕީއެސްޖީއިން ޗެމްޕިއަންސް ލީގު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ދެން އެކުލަބަށް ގެންނާނޭ ކުޅުންތެރިޔަކީ އިނގިރޭސިވިލާތުގެ ޕްރެމިއާރ ލީގުގެ ޗެމްޕިއަނުން ޗެލްސީގެ މެދުތެރޭގައި އެންމެ މުހިންމު އެއް ދައުރު އަދާކޮށްދޭ އެއް ކުޅުންތެރިޔާ އެންގޯލޯ ކާންޓޭއެވެ. ލެސްޓާރ ސިޓީއިން އާދަޔާޙިލާފް ގޮތަކަށް ޕްރެމިއާރ ލީގު ކާމިޔާބުކުރި އިރު އެޓީމުން ވިދާލި ކާންޓޭ އަކީ އޭނާގެ ޕޮޒިޝަނުގައި މިވަގުތު މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާކަމާއި މެދު ދެބަސްވާނީ މަދު މީހެކެވެ.

ޕީއެސްޖީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ގަދަ 16 އިން ކަޓައިގެން ދިޔައިރު އެ ކުލަބުގެ އިސްވެރިން ވަނީ އެޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ކުރަމުންދާ ހުވަފެންތައް އަދިވެސް މަރުނުވާކަމަށް ނިންމައި އިތުރަށް އެޓީމު ވަރުގަދަ ކުރުމަށް ނިންމައިފައެވެ. އެޓީމުގެ އެންމެ ބޮޑު އެއް ބަލި ފަޔަށް ވާނޭ އެއް ޑިޕާޓްމެންޓަކީ ޓީމުގެ މެދުތެރެއެވެ. ކާންޓޭ އެކުބަލަށް ގެނެވިއްޖެ ނަމަ އެޓީމުގެ މެދުތެރޭގައި މާކޯ ވެރާޓީއާއިއެކު ހަރަކާތްތެރިވާނޭ ވަރުގަދަ އަދި ހިތްވަރުގަދަ ކުޅުންތެރިޔަކު ހުންނާނެއެވެ.

ކާންޓޭ އަކީ 'ދަ ނިއު މެކެލެލޭ' ގެ ނަމުން ނަން މަޝްހޫރުވެފައިވާ އާދަޔާޙިލާފް ބުންވަރެއް ލިބިފައިވާ ކުޅުންތެރިޔެކެވެ. ތަޖުރިބާކާރުން ވަނީ ކާންޓޭ ދުވަހަކުވެސް ދަނޑުމަތީގައި ދުވުން ހުއްޓާނުލާކަމަށާއި އަދި އަބަދުވެސް ބޯޅަ ގެއްލިއްޖެ ހިނދެއްގައި ބޯޅަ އަބުރާ ހޯދުމުގައި ކާންޓޭ ކުރާ މަސައްކަތް ފާހަގަކޮށް އޭނާއަށް ތައުރީފްކޮށްފައެވެ. މިފަދަ ކުޅުންތެރިޔަކު ފައިސާވެރި ޕީއެސްޖީއިން ގެނެސްފިނަމަ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް މެދުތެރެ އޮތް އެއް ކުލަބަށް އެކުލަބު ވެގެންދާނެއެވެ.

ޕީއެސްޖީއިން ދަނީ ކާންޓޭގެ އިތުރުން ޔުވެންޓަސްގެ އެލެކްސް ސާންޑްރޯ ގެނައުމަށްވެސް މަސައްކަތްކުރަމުންނެވެ. އެކުލަބުން ލޭވިން ކުރްޒަވާ ވިއްކާލުމަށް މަސައްކަތްކުރަމުންދާއިރު މޮނާކޯގެ ފަބީނިއޯ ގެނައުމަށްވެސް އެކުލަބުން މަސައްކަތްކުރަމުންދާކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ޕީއެސްޖީއަށް ތަބަކަކަށް ލާފަ ޗެމްޕިއަންސްލީގުތަށި ދޭންވީ