ޕައުލޯ ޑިބާލާގެ ދެ ގޯލުން އުދިނޭސީގެ މައްޗަށް 0-2 އިން ކުރި ހޯދާ އިޓާލިއަން ލީގުގެ އެއްވަނަ އަށް ޔުވެންޓަސް އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 71 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 70 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ރޯމާއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ޑިބާލާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ޔުވެންޓަސް އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ހިގުއައިން ފޮނުވާލި އެ ޕެނަލްޓީ އުދިނޭސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ޔުވެންޓަސް އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ޑިބާލާއެވެ. މިއީ މި ސީޒަނުގައި ޑިބާލާ ކާމިޔާބުކުރި 19 ވަނަ ގޯލެވެ.

ޑިބާލާގެ މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޔުވެންޓަސް އިން ވަނީ ތަނަވަސްކޮށްފައެވެ.

ޔުވެންޓަސް ރޭ މޮޅުވިއިރު ލީގުގެ އެއްވަނައިގައި މީގެކުރިން އޮތް ނަޕޯލީ އާއި އިންޓަމިލާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި މެޗުގެ ފަހުވަގުތު އަންދްރޭ ސިލްވާ ކާމިޔާބުކުރި ގޯލުން ޖެނޯއާގެ މައްޗަށް 0-1 އިން އޭސީ މިލާނުން ރޭ ވަނީ ކުރި ހޯދާފައެވެ. ރޭގެ މޮޅާއެކު މިލާން އޮތީ 47 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.