އަނިޔާގެ ސަބަބުން މެންޗެސްޓަރ ސިޓީގެ އިތުބާރު ފޯވާޑް، ސާޖިއޯ އަގުއެރޯ ދެ ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އަގުއެރޯގެ ފަޔަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސިޓީ އިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ.

މި އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު އަގުއެރޯ ބުނީ ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ކްލަބުގެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މި އަނިޔާއާ ގުޅިގެން ޕްރިމިއަރ ލީގުގައި މިރޭ ސްޓޯކް ސިޓީ އާއި ދެކޮޅަށް ސިޓީން ކުޅޭ މެޗުގައި އަގުއެރޯ އަށް ނުކުޅެވޭނެއެވެ.

މިރޭގެ މެޗަށްފަހު ސިޓީން ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ލީގުގައި ސިޓީން ބައްދަލުކުރާނީ އެވަޓަންއާ ކަމަށްވާއިރު އެ މެޗަށް އަގުއެރޯ ފިޓުވާނެ ކަމަށް ބެލެވެއެވެ.

މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް އަގުއެރޯ ދައްކަމުން އަންނައިރު އޭނާ ވަނީ މިހާތަނަށް ކުޅުނު 37 މެޗުގައި 30 ގޯލު ކާމިޔާބުކޮށްފައެވެ.

ސްޓޯކް އާއި ދެކޮޅަށް ސިޓީން މިރޭ ނިކުންނައިރު އެޓީމު މިވަގުތު އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކު ލީގުގެ އެއްވަނައިގައެވެ.

ސްޓޯކްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން އެކެއް ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު