އިނގިރޭސި މީޑިޔާ އިން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އިހުތިރާމް ކުރަންޖެހޭ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

މިދިޔަ ސީޒަން ޔުނައިޓެޑުން ހުސްއަތާ ނިންމާލިއިރު މި ސީޒަން ވެސް އެ ކްލަބުން ފެށީ ވަރަށް ދަށްކޮށެވެ. އެގޮތުން ލީގުގައި މިހާތަނަށް އަށް މެޗު ކުޅެ ނިމުނުއިރު ޔުނައިޓެޑް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. މީގެއިތުރުން ޔުނައިޓެޑް ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީއާ ބައްދަލުކޮށް އިނގިރޭސި ލީގު ކަޕުން ވެސް ކަޓާފައެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ކްލަބުގެ ކޯޗު މޮރީނިއޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު ލީގުގައި ޔުނައިޓެޑުން މިއަދު ހަވީރު ޗެލްސީ އާއި ދެކޮޅަށް ނިކުންނާނެއެވެ.

މި މެޗުގެ ކުރިން މޮރީނިއޯގެ ދިފާއުގައި ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ސާރީ ބުނީ މޮރީނިއޯ އަކީ ދިޔަ ކޮންމެ ކްލަބަކާ އެކު ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް ކަމަށާއި އޭނާ އަށް މީޑިޔާ އިން އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.

"އަހަރެން މޮރީނިއޯ އަށް އިހުތިރާމް ކުރަން. އަހަންނަށް ހީވަނީ ތި މީހުން (އިނގިރޭސި މީޑިޔާ) އިން ވެސް މޮރީނިއޯ އަށް އިހުތިރާމް ކުރަންޖެހޭ ހެން. މޮރީނިއޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު. ލީގުގައި އަދި މި ކުޅެވުނީ އެންމެ 8 މެޗު. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އެދަނީ. އެހެންވީމަ ޕްރިމިއާ ލީގުގައި ވެސް ކަންތައްތައް ޔުނައިޓެޑަށް އަދި ރަނގަޅު ކުރެވިދާނެ" ސާރީ ބުންޏެވެ.

ޔުނައިޓެޑާ ގުޅޭގޮތުން ވާހަކަދައްކަމުން ސާރީ ބުނީ، ޔުނައިޓެޑަކީ ވަރުގަދަ ޓީމެއް ކަމަށާއި އެކަން އެޓީމުގައި ތިބި ވަކިވަކި ކުޅުންތެރިންނަށް ބަލާލުމުން ވެސް އެނގޭނެ ކަމަށެވެ.

"ޓީމެއްގެ ގޮތަށް ބަލާއިރު އަދިވެސް އެންމެ ވަރުގަދަކޮށް އޮތީ މެންޗެސްޓަރ ސިޓީ. އެކަމަކު ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ޔުނައިޓެޑް ވަރަށް ވަރުގަދަ" ސާރީ ބުންޏެވެ.

ޔުނައިޓެޑާއި ދެކޮޅަށް ނިކުންނައިރު ލީގުގައި މިހާތަނަށް ޗެލްސީ އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. ޗެލްސީ މިވަގުތު އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 4:30 ގައެވެ.