ބާސެލޯނާ އަށް ކުރިން ކުޅުނު އަދި މިހާރު ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި އަނބުރާ ގެނައުމާ ގުޅޭގޮތުން އެއްވެސް ގޮތަކަށް މަޝްވަރާ ކޮށްފައިނުވާ ކަމަށް ބާސާގެ ނައިބު ރައީސް ޖޯޑީ ކާޑޯނާ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާ ދޫކޮށްލުމަށްފަހު ނޭމާ ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ.

ނޭމާ އަނބުރާ ގެންނަން ބާސާގެ ބޯޑުން ޝައުގުވެރިވާ ކަމަށް ސްޕެއިންގެ މީޑިޔާތަކުން ފާއިތުވި ދެ ތިން ދުވަހު ރިޕޯޓުކޮށްފައިވާއިރު އެ ކްލަބުގެ ނައިބު ރައީސް ކާޑޯނާ ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށާއި ނޭމާގެ ނަން ވެސް ބާސާގެ ބޯޑު ބައްދަލުވުމެއްގައި ނަންގަނެވިފައިނުވާ ކަމަށެވެ.

"ނޭމާ ގެންނަން އުޅޭނަމަ އެކަމާ ގުޅޭގޮތުން ބޯޑުގައި މަޝްވަރާ ކުރެވޭނެ. އަދި މިހާތަނަށް އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައެއް ނެތް" ކާޑޯނާ ވިދާޅުވިއެވެ.

ނޭމާ ގެންނަން ބާސާ އިން ޝައުގުވެރިވާކަމުގެ އަޑުތައް ފެތުރެން ފަށާފައިވާއިރު، މި ސީޒަނަށްފަހު ނޭމާ ގެންނަން ބާސާ އާއި ވާދަވެރި ރެއާލް މެޑްރިޑުން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބުކުރިއިރު، ނޭމާ ވަނީ މި ސީޒަނުގެ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 11 މެޗުގައި 11 ގޯލު ކާމިޔާބުކޮށްފައެވެ.

ނޭމާ ޕީއެސްޖީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރުއެވެ.