ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ، "ދިރާގު މޯލްޑިވްސް ރޯޑް ރޭހު" ގައި ބައިވެރިވާ ފަރާތްތަކަށް ބިބް އާއި ޓީޝާޓް ދޫކުރަން ފަށައިފި އެވެ.

ދިރާގުން ވިދާޅުވީ، ރޯޑްރޭހުގެ ބައިވެރިންނަށް ބާއްވާ "ބިބް އެކްސްޕޯ" ރަސްމީކޮށް ދިރާގު ހެޑް އޮފީހުގައި ފަށާފައިވާ ކަމަށާއި، ބިބް އާއި ޓީޝާޓު ދޫކުރުން ހެނދުނު 10:00 ން 12:00 އަށް އަދި މެންދުރު ފަހު 2:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް ކުރިއަށްދާނެ ކަމަށެވެ.

ނޮވެމްބަރު 2 ވާ ހުކުރު ދުވަހު ބާއްވާ މި ރޭހުގެ ބައިވެރިންނަށް ދޭ ކިޓުގައި ހިމެނޭނީ އިލެކްޓްރޯނިކް ޓައިމިން ޗިޕް ހަރުކޮށްފައިވާ ބިބާއި ޓީޝާޓަކާއި ސްޓްރިންގް ދަބަހެކެވެ. ނަމަވެސް ޓީޝާޓް ދޫކުރާނީ މަދުވެގެން 100ރ. ޑޮނޭޝަނެއް ދިނުމުންނެވެ. އެ ހުރިހާ ފައިސާއެއް ދިރާގުން ހަދިޔާކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި އޮންނާނީ މައިގަނޑު ދެ ކެގަޓަރީ އެކެވެ. އެއީ ދެ ބުރު ޖަހަން ޖެހޭ 10 ކިލޯމީޓަރުގެ ރޭހާއި އެއް ބުރު ޖަހަން ޖެހޭ ފަސް ކިލޯމީޓަރުގެ ރޭހެވެ. މީގެ ތެރެއިން 10 ކިލޯމީޓަރުގެ އޯޕަން ބައި އެކަނި ހިމެނޭއިރު ފަސް ކިލޯމީޓަރު ރޭހުގައި އޯޕަން ބައިގެ އިތުރުން 45 އަހަރުން މަތި އަދި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ އާއި 13 އަހަރުން ދަށުގެ ސްކޫލް ކެޓަގަރީ ހިމެނެ އެވެ.

ރޭހުގެ ކޮންމެ ކެޓަގަރީއެއްގައި ވެސް އަންހެން، ފިރިހެން ބައި ވަކިން އޮންނާނެއެވެ. ވަނަ ހޮވާނީ ވެސް ވަކިންނެވެ. އަދި ސްކޫލް ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއަކުން ގަދަ ތިނެއް ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. ސްލޫކް ކެޓަގަރީން އެއް ވަނަ ހޯދާ ދުވުންތެރިންނަށް ޕްރައިޒް ވައުޗަރަކާއި ޓްރޮފީ އަދި މެޑަލް ލިބޭއިރު ދެ ވަނަ އަދި ތިން ވަނަ ހޯދާ ދުވުންތެރިންނަށް މެޑަލް ލިބޭނެ އެވެ.

ރޭހުގެ ޕާޓްނާ އެންޖީއޯސްތަކަކީ އާކް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެންސާ ސޮސައިޓީ، ކެޕްސް، އެމްއޭޕީޑީ، އޯޓިޒަމް އެސޯސިއޭޝަން، ތެލެސީމިއާ ސޮސައިޓީ، ޝީ، ޓައިނީ ހާޓްސް އަދި ކެއާ ސޮސައިޓީ އެވެ.

މި އަހަރަކީ މި ރޭހަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު އަހަރެވެ. އެގޮތުން ބައިވެރިވާން ހުޅުވާލިތާ އެންމެ 48 ގަޑިއިރުގެ ތެރޭގައި 4000 ޖާގަ ވަނީ ފުރިފަ އެވެ. މިދިޔަ އަހަރުގެ ރޭހަށް ޚާއްސަކުރި 3000 ޖާގަ ފުރުނީ ތިން ދުވަހުންނެވެ. ދިރާގު ރޯޑްރޭސް ފުރަތަމަ ބޭއްވި 2006 އެވެ. މިހާރު މި ދުވުމަކީ ބައިނަލްއަވުވާމީ ފެންވަރުގައި މަޝްހޫރު ދުވުމެވެ.