ފަހު ސިކުންތުކޮޅުގެ ތެރޭގައި ރޮސް ބާކްލީ ކާމިޔާބުކުރި ލަނޑުން ޕްރިމިއާ ލީގުގައި މިއަދު ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު 21 ޕޮއިންޓާ އެކު ޗެލްސީ މިހާރު އޮތީ ލީގުގެ އެއްވަނައިގައެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ އެހެން މެޗުތަކަށްފަހު ޗެލްސީގެ މަގާމަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. މެންޗެސްޓަރ ޔުނައިޓެޑް ލީގުގެ އަށްވަނައިގައި މިހާރު އޮތީ 14 ޕޮއިންޓާ އެކުއެވެ.

ޗެލްސީގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 21 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ރުޑިގާ މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު މާ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ޗެލްސީ ތަނަވަސްކުރެވިފައި ނުވާއިރު، މި ހާފުގައި ޔުނައިޓެޑަށް ޗެލްސީގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 55 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ނަގައިދޭން ޑޭވިޑް ލުއިޒް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އެ ފުރުސަތުގެ ބޭނުން ލުއިޒް އަށް ނުހިފުނުއިރު މެޗުގެ 73 ވަނަ މިނެޓްގައި މާޝިއަލް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ޔުނައިޓެޑް ކޮޅަށް އަނބުރާލާފައެވެ. މި ގޯލާއެކު މި މެޗުން ޔުނައިޓެޑް މޮޅުވާން ދަނިކޮށް މެޗުގެ އެންމެފަހު ސިކުންތުކޮޅުތެރޭ ބާކްލީ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗު އެއްވަރުވެގެން ނިމުނުއިރު ލީގުގައި މިހާތަނަށް އަދި ޗެލްސީ މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.