ސްޕެނިޝް ލީގުގައި މިއަދު ހަވީރު ލެވާންޓޭ އާއި ބައްދަލުކޮށް 2-1 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މެޗުން ބަލިވުމުން ރެއާލް މިހާރު އޮތީ 14 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ނަމަވެސް ލީގުގައި މިރެޔާއި މާދަމާ ކުޅޭ މެޗުތަކަށްފަހު ލީގުގެ މިއަށް ވުރެ ވެސް ދަށަށް ރެއާލް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. ރެއާލް އަތުން މިއަދު މޮޅުވި ލެވާންޓޭ އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ލެވާންޓޭ އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓްގައި މި ގޯލު ލެވާންޓޭ އަށް ކާމިޔާބުކޮށްދިނީ ހޯޒޭ ލުއިސް މޮރާލޭސްއެވެ. މި ގޯލު މޮރާލޭސް ކާމިޔާބުކުރީ ރެއާލްގެ ކީޕަރު ކޯޓުއާ ކައިރިން ވެސް ނައްޓާލުމަށްފަހުއެވެ.

މި ގޯލު ކާމިޔާބުކުރިތާ ހަ މިނެޓްފަހުން ލެވާންޓޭ އަށް ލިބުނު ޕެނަލްޓީއަކުން ރޯގާ މާޓީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ޕެނަލްޓީ ލެވާންޓޭ އަށް ލިބުނީ ރެއާލްގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ރަފޭލް ވަރާން އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކުރަން ރެއާލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ރެއާލް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ލެވާންޓޭގެ ގޯލްކީޕަރު އޮލަޒަބަލްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލް އިން ތަނަވަސްކޮށްފައިވާއިރު މި މެޗުގައި ރެއާލް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާސެލޯއެވެ.

މި މެޗުން ރެއާލް ބަލިވިއިރު މިއީ އެޓީމަށް މޮޅެއް ނުހޯދި ޖެހިޖެހިގެން ނިމުނު ފަސްވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ރެއާލް ވަނީ ބަލިވެފައެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ވާދަވެރި ބާސެލޯނާއާއެވެ.