އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ތިން ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މެސީގެ އަތަށް އަނިޔާވެފައިވަނީ ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާގެ މައްޗަށް 4-2 އިން ބާސާ އިން ކުރި ހޯދި މެޗުގައެވެ. އެ މެޗުގައި ބާސާގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ މެސީއެވެ. މެސީގެ އިތުރުން ދެން އެ މެޗުގައި ގޯލުތައް ބާސާ އަށް ކާމިޔާބުކޮށްދިނީ ކުޓީނިއޯ އާއި ސުއަރޭޒްގެ އިތުރުން ރަކިޓިޗްއެވެ.

އަނިޔާގެ ސަބަބުން މެސީ ދަނޑުން ފައިބާފައިވަނީ މެޗުގެ 26 ވަނަ މިނެޓްގައެވެ. ދަނޑުން ފޭބުމަށްފަހު އިރުކޮޅެއްފަހުން ކުޅުމުގެ ތެރެއަށް އަންނަން މެސީ މަސައްކަތްކުރި ނަމަވެސް މާބޮޑަށް ތަދު އިހުސާސްވާތީ އޭނާ ވަނީ ބަދަލުކޮށްފައެވެ. މެސީގެ ބަދަލުގައި ކުޅެން އަރާފައިވަނީ ޑެމްބެލޭއެވެ.

ރޭގެ މެޗު ނިމުނުތާ އިރުކޮޅެއްފަހުން ބާސާ އިން ނެރުނު ބަޔާނެއްގައި ބުނީ މެސީގެ އަތުގެ ރޭޑިއަލް ކަށިގަނޑުގައި ކުޑަ ފްރެކްޗާއެއް ލާފައިވާ ކަމަށާއި ގާތްގަނޑަކަށް ތިން ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި އަނިޔާއާ ގުޅިގެން ބާސާ އިން ކުޅޭ ފަސް މެޗެއްގައި މެސީ އަށް ނުކުޅެވޭނެއެވެ. އެ މެޗުތަކުގެ ތެރޭގައި އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ އާދީއްތަ ދުވަހު ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސާ އިން ކުޅޭ "އެލް ކްލެސިކޯ" މެޗު ހިމެނެއެވެ.

މެސީ ނެތް ނަމަވެސް ރޭގެ މެޗުން ބާސާ މޮޅުވިއިރު، އެ މޮޅާއެކު ބާސާ މިހާރު އޮތީ 18 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 17 ޕޮއިންޓާ އެކު އަލަވޭސް އޮތްއިރު، ތިންވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ސެވިއްޔާއެވެ.