އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އާއި ބައްދަލުކޮށް 1-1 އިން ޔުވެންޓަސް އެއްވަރުވިއިރު، އެ ކްލަބުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިތުރު ރެކޯޑެއް ހަދައިފިއެވެ.

ރޭގެ މެޗުން އެއްވަރުވި ނަމަވެސް 25 ޕޮއިންޓާ އެކު ޔުވެންޓަސް އަދިވެސް އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 21 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 16 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާންއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 18 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގޯލެއް ކާމިޔާބުކޮށް ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މި ގޯލާ އެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 400 ގޯލު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގެ ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީއެވެ. އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ 390 ގޯލެވެ.

ޔުވެންޓަސް އިން ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގައި އެޓީމުން 21 ހަމަލާއެއް ފޮނުވާލާފައިވާއިރު، އޭގެތެރެއިން ޖެނޯއާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާއެވެ. އެ ތިން ހަމަލާ އަކީ ވެސް ރޮނާލްޑޯ ފޮނުވާލި ތިން ހަމަލާއެވެ. މި މެޗުގައި ޖެނޯއާ އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓްގައި ބެސާއެވެ.

މި މެޗުން ޔުވެންޓަސް މޮޅުނުވިއިރު މިއީ ލީގުގައި މޮޅެއް ނުލިބި އެޓީމުން ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. ލީގުގައި ޔުވެންޓަސް ދެން ބައްދަލުކުރާނީ އެމްޕޮލީއާއެވެ.