ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކްލަބު އީގަލްސްއިން ކުޅުނު ފުރަތަމަ މެޗުގައި ފ.ނިލަންދޫ ބަލިކޮށް، ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އީގަލްސްގެ ޒުވާން ފޯވަޑް މުހައްމަދު ނާއިމްއާއި އަހުމަދު ރިޒުވާން (ރިޒޭ)ވެސް ހެޓްރިކް ހަދާފައިވާ އިރު، މިއީ ޕްރިމިއާ ލީގުގައި ރިޒޭ ޖެހިޖެހިގެން ހެޓްރިކް ހެދި ފަސްވަނަ މެޗެވެ.

ޕްރިމިއާ ލީގުގައި ރިޒޭ އެންމެފަހުން ކުޅުނު ފަސް މެޗުން އޭނާ ވަނީ 16 ގޯލް ޖަހައިފައެވެ. ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައިވެސް މިވަގުތު އޮތީ އޭނައެވެ. މިރޭގެ މެޗުން މޮޅުވެ އީގަލްސް ވަނީ ކުޅުނު 10 މެޗުން 23 ޕޮއިންޓް ހޯދާފައެވެ. މާޒިޔާ މި ވަގުތު ތިން ވަނަައިގައި އޮތީ 10 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި ޓީސީ އޮތީ ނުވަ މެޗުން 24 ޕޮއިންޓާ އެކުއެވެ.

މިރޭގެ މެޗަށް އީގަލްސްއިން ނުކުތީ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު އާރިފް (ބަކާ)އާ ނުލައެވެ. އޭނާ ހުރީ ކާޑު ހަމަވެގެން ސަސްޕެންޝަނުގައެވެ.

އީގަލްސްއާއި ނިލަންދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިރޭގެ މެޗުގެ ކުރީކޮޅުގައިވެސް އޯޕަން ފުރުސަތުތަކެއް ފެނިގެންދިޔައެވެ. ދެޓީމުންވެސް އެޓޭކަށް ވިސްނަގައިގެން ކުޅުނު އިރު، ފުރަތަމަ ހާފްގެ ފުރަތަމަ ކޮޅުގައި އީގަލްސްގެ ޑިފެންޑަރު ހުސައިން ޝިފާއު (ކްރޯ)އާއި ނިލަންދޫގެ ފޯވަޑް ލޫކަސްއަށް ލިބުނު ހަމަލާތައް ފާހަގަކޮށްލެވުނެވެ. ކްރޯގެ ހަމަލާ ބޭރަށް ދިޔަ އިރު، ލޫކަސްގެ ހަމަލާ މަތަކުރީ އީގަލްސްގެ ކެޕްޓަން، ލަންކާ ގޯލްކީޕަރު ސުޖާން ޕެރޭރާއެވެ.

ގިނަ ޕާސްތަކެއް މެދުތެރެއިން ޖަހައިގެން ކުޅެމުންދިޔަ އީގަލްސްއިން މެޗުގެ 23 ވަނަ މިނެޓުގައި އީގަލްސްއިން ލީޑު ނެގިއެވެ. ރިޒޭ ތަނަވަސްކޮށްދިން ފުރުސަތުގައި ލީޑު ނަގައިދިނީ ކްރޯއެވެ. އީގަލްސްއިން އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ކްރޯ ވަނީ ގޯލް ޖަހައިފައެވެ.

އީގަލްސްއިން ގޯލެއް ޖެހުމާއެކު ނިލަންދޫގެ ކުޅުން ދަށްވިއެވެ. ހާއްސަކޮށް އީގަލްސްއިން މެޗު ޑޮމިނޭޓްކުރިއެވެ. ނަތީޖާއަކަށްވީ ހާފް ނިމުމުގެ ކުރިން އެޓީމުން އިތުރު ތިން ގޯލް ޖަހައި، ނަތީޖާ 4-0އަކަށް ފުޅާކުރުމެވެ.

ނާއިމްގެ ދެ ގޯލްގެ އިތުރުން ކޮމިލޯވް އަބްދުލްރަސުލް ޖެހި ގޯލްތަކާއެކު އީގަލްސްއިން ހާފް ނިންމާލީ ވަރުގަދަކޮށެވެ. އޭގެ ތެރެއިން ރަސުލް ޖެހި ގޯލަކީ ލިބުނު ކޯނަރެއްގެ ފައިދާ ނަގައިގެން ޖެހި ގޯލެކެވެ.

އީގަލްސްއާއި ނިލަންދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފްވެސް އީގަލްސްއިން ފެށީ ވަރުގަދަކޮށެވެ. އެޓީމުގެ ހަލުވި ޕާސިން ކުޅުމާއެކު ނިލަންދޫއަށް އިތުރު އުނދަގޫތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް އީގަލްސްއިން ތަރި، ރިޒޭ ހިފެހެއްޓުމަށް ނިލަންދޫއަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ރިޒޭ ދެ ގޯލް، ފުލުފުލުން ކަހަލަ ގޮތަކަށް ޖަހައި، މެޗުގެ ނަތީޖާ 6-0އަކަށް ބަދަލުކޮށްލިއެވެ. ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ވަރަށް ރީތިކޮށް ނިލަންދޫގެ ޑިފެންޑަރު، އަދި ގޯލްކީޕަރު ސޮބާހުވެސް ނައްޓާލުމަށްފަހު އޭނާ ބޯޅަ ގޯލަށް ވައްދާލީ ހަމަޖެހިލައިފައެވެ.

މެޗުގެ 88 ވަނަ މިނެޓުގައި އަނެއްކާވެސް ނާއިމްއާއި ރިޒޭގެ ކޮމްބިނޭޝަން ފެނިގެންދިޔައެވެ. ރަނގަޅު މޫވްއަކާއެކު ރިޒޭ ދިން ބޯޅަ ނިންމާލީ ނާއިމްއެވެ. އޭނާގެ ހެޓްރިކްވެސް ފުރިހަމަ ކުރިއެވެ.

އީގަލްސްއާއި ނިލަންދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މާދަމާވެސް ލީގުގައި ދެ މެޗު ކުޅޭނެއެވެ. ހަވީރު އޮންނަ މެޗުގައި ޓީސީއާއި ވިކްޓަރީ ނުކުންނަ އިރު، މާދަމާ ރޭ އޮންނާނީ ނިއު ރޭޑިއަންޓާއި ށ. ފޯކައިދޫ ވާދަކުރާ މެޗެވެ.