ފަހު ވަގުތު މައުރޯ އިކާޑީ ކާމިޔާބުކުރި ލަނޑާއެކު އޭސީ މިލާންގެ މައްޗަށް 1-0 އިން އިންޓަ މިލާނުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު އިންޓަ މިހާރު އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. އޭސީ މިލާން އޮތީ 12 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސްއެވެ. އަދި ދެވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނަޕޯލީއެވެ.

ދެ ޓީމަށް ނިސްބަތްވާ ސެންސީއޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އިންޓަގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފްގައި ތަނަވަސްކޮށްފައެވެ. އެގޮތުން އިންޓަގެ ޑިފެންޑަރު، ސްޓެފަން ޑި ވްރައި ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ޕެރިސިޗް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ މިލާންގެ ޒުވާން ގޯލްކީޕަރު ޑޮނަރުއްމާއެވެ.

ދެވަނަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ތަނަވަސްކުރެވިފައި ނުވި ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސީނޯ ނަގައިދިން ހުރަހަކުން އިންޓަގެ ކެޕްޓަން އިކާޑީ ވަނީ މި މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ގޯލު އިކާޑީ ކާމިޔާބުކުރީ މިލާންގެ ގޯލްކީޕަރު ޑޮނަރުއްމާ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މިލާންގެ ފަރާތުން ދަށް ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު، ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް މި މެޗުގައި ތަނަވަސްކުރެވިފައެއް ނުވެއެވެ.

ލީގުގައި އިންޓަ ދެން ބައްދަލުކުރާނީ ލާޒިޔޯއާއެވެ. މިލާން ނިކުންނާނީ ސަމްޕްޑޯރިޔާ އާއި ދެކޮޅަށެވެ.