ނޭޕާލްގައި މިމަހު ފަހު ކޮޅު ފަށާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ 15 އަހަރުންދަށުގެ ގައުމީ ޓީމު ރޭ ފުރައިފިއެވެ.

ނޭޕާލްގެ ލަލިތުޕޫރުގައި މިއަހަރު ބާއްވާ މުބާރާތް ކުރިޔަށްދާނީ މިމަހުގެ 25 އިން އަންނަ މަހު ތިނެއްގެ ނިޔަލަށެވެ.

މުބާރާތުގައި މިއަހަރު ހަ ގައުމެއް ވާދަކުރާނެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިޔަށްދާ އިރު، ރާއްޖެ ކުޅޭނީ ގްރޫޕް އޭ ގައެވެ. އެ ގްރޫޕުގައި ރާއްޖެއާއެކު ހިމެނޭ ގައުމުތަކަކީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ބަންގާޅެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާއި ބޫޓާންގެ އިތުރުން ޕާކިސްތާނެވެ. މުބާރާތުގައި ސްރީލަންކާ ވާދަކުރާގޮތަށް ކުރިން އޮތް ނަމަވެސް އެ ގައުމު ވަނީ ފަހުވަގުތު މުބާރާތުން ވަކިވެފައެވެ.

މިއީ 15 އަހަރުން ދަށަށް އަމާޒުކޮށްގެން ސާފް ޗެމްޕިއަންޝިޕް ބާއްވާ ފަސްވަނަ ފަހަރެވެ. ރާއްޖެ ވަނީ މިހާތަނަށް އެ މުބާރާތުގައި ހަތަރު އަހަރު ވާދަކޮށްފައެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ.