ދިރާގުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތް ކަމަށްވާ ދިރާގު ސްޕެޝިއަލް ސްޕޯޓްސް ފެސްޓިވަލްގެ އެންމެ ބޮޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރަށް އަހުލުވެރިކުރުވާ އެކުދިންނަށް އިތުރު ފުރުސަތުތަށް ފަހިކޮށްދިނުން ކަމުގައި ދިރާގުން ބުނެއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ސްކޫލުތަކާއި އެންޖީއޯތަކަށް އެހީތެރިވެދީ ތަފާތު ނުކުޅެދުންތެރިކަން ހުން ކުދިން މުޖުތަމައުގައި ބައިވެރިކުރުވާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މެދުވެރިކޮށް އެކުދިންނަށް ތަފާތު ފުރުސަތުތަށް ތަނަވަސްކޮށްދިނުން" ދިރާގުގެ މާކެޓިންގް ކޮމިޔުނިކޭޝަން މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދިރާގުގެ ކުޅިވަރު ފެސްޓިވަލް ކުރިއަށް ގެންދަނީ ވަރަށް ގިނަ އެންޖީއޯތަކާއި ސްކޫލުތަކާއި ގުޅިގެންނެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި ހަތަރު އެންޖީއޯ އަކާއި 11 ސްކޫލަކުން ބައިވެރިވެފައިވާ ކަމުގައި ދިރާގުން ބުނެއެވެ.

މިއަހަރުގެ ދިރާގް ސްޕެޝިއަލް ސްޕޯޓްސް ފެސްޓިބަލްގައި ބައިވެރިވެފައިވާ އެންޖީއޯތަށް :

މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސްއޭބަލްސް

ބިއުޓިފުލް އައިޒް ޑައުން ސިންޑްރޮމް

ކެއަރ ސޮސައިޓީ

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

މިއަހަރުގެ ދިރާގް ސްޕެޝިއަލް ސްޕޯޓްސް ފެސްޓިބަލްގައި ބައިވެރިވެފައިވާ ސްކޫލުތަށް

އަމީރު އަހުމަދު ސްކޫލު

ގާޒީ ސްކޫލު

އިމާސުއްދީން ސްކޫލު

ރެހެންދި ސްކޫލު

މުހިއްދީން ސްކޫލު

އަމީނިއްޔާ ސްކޫލު

ހިރިޔާ ސްކޫލު

އިސްކަންދަރު ސްކޫލު

ތާޖުއްދީން ސްކޫލު

ކެންގަރޫ ކިޑްސް

ބިލަބޮންގް ހައި ސްކޫލު

ދިރާގުގެ މާކެޓިންގް ކޮމިޔުނިކޭޝަން މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ދިރާގް ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ދިރާގުގެ ސީއެސްއާރްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ހަރަކާތެެކެވެ. އަދި މިއަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ 2011 ވަނަ އަހަރު މިފެސްޓިވަލް ބޭއްވީ އެންމެ 17 ކުދިން ބައިވެރިގެން. ނަމަވެސް އެއަށްފަހު ކޮންމެ އަހަރަކު މިފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވަމުން އައިސް 2016 ވަނަ އަހަރު 200 ކުދިން، 2017 ވަނަ އަހަރު 300 ކުދިން އަދި މިއަހަރު 390 ކުދިން ބައިވެރިވާނެ" ބިޝާރާ ވިދާޅުވިއެވެ.

ދިރާގް ސްޕެޝިއަލް ސްޕޯޓްސް ފެސްޓިވަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެންއޭޕީޑީގެ ޗެއަރމަން އަހުމަދު މުހައްމަދު ވިދާޅުވީ މިއަހަރުގެ ފެސްޓިވަލްގައި ވަރަށް ހާއްސަ ކެޓަގަރީއެއް ކަމަށްވާ ޕެރެ ބޮށިއާ އެކުލެވިގެންވާ ކަމަށެވެ.

"މިފަހަރުގެ ފެސްޓިވަލްގައި ވަރަށް ހާއްސަ ކެޓަގަރީއެއް އެކުލެވިގެންވާނެ. އެއީ ޕެރެ ބޮށިއާ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އަދި ބައިނަލް އަގުވާމީ ފެންވަރުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ދައްކާލުން. އެގޮތުން އަޅުގަނޑުމެންނަށް ވަނީ އޭޝިއާ ޕެރެލިމްޕިކް ގޭމްސް ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައި. އަދި ދިރާގާއި އެކުގައި އަޅުގަނޑުމެން ކުރި މަސައްކަތުން ޕެރެލިމްޕިކްގައި ހިމެނޭ ރަނިން އާއި ވީލް ޗެއަރ ރަނިންގް މި ފަހަރުގެ ފެސްޓިވަލްގައި ހިމެނިފައިވާނެ" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

އަދި އަލަށް ތައާރަފްކުރި ބޮށިއާއަކީ ނުކުޅެދުންތެރިކަން އެންމެ ބޮޑަށް ހުންނަ ކުދިންނަށްވެސް ބައިވެރިވެވޭނެ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރަކީ މެދުކެނޑުމެއްނެތި ދިރާގް ސްޕެޝިއަލް ސްޕޯޓްސް ފެސްޓިވަލް ބާއްވާ އަށް ވަނަ އަހަރު ކަމަށްވާއިރު މިއަހަރުގެ ފެސްޓިވަލްގައި އެކި އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ވާދަވެރި ކުޅިވަރުތަކެއް ކުރިއަަށް ގެންދަން ވަނީ ނިންމާފައިވެއެވެ. މިއަހަރުގެ ކުޅިވަރު ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 29 ވަނަ ދުވަހު 16:00 އިން 18:00 އަށް ހެންވޭރު ދަނޑުގައެވެ.

ދިރާގަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން އަންނަނީ ކޮންމެ އަހަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށް ފަންޑް ރެއިސިންގް އިވެންޓެއްގެ ގޮތަށް "ދިރާގް ރޯޑް ރޭސް"ގެ ނަމުގައި ދުވުމުގެ ހަރަކާތެއް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކު

    ބަލަ ފުރަތަމަ އެެއީ ހާއްސައެހީއަށް ބޭނުންވާ ކުދިންކަން ދެނެގަނެބަލަ. ނުކުޅެދޭކުދިންނެއް ނޫން