އިންގްލިސް ޕްރިމިއަރ ލީގްގައި މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލްކުރާ ހެރީ ކޭން އަށް އަނިޔާވެ ކުޅުމާ ދުރަށް ދުވަސްކޮޅަކަށް ދާންޖެހިދާނެ ކަމުގެ ބިރު ހީވެ ކޯޗް ކަންބޮޑުވެއްޖެއެވެ.

ހެރީ ކޭންގެ ކަނާއަތު ފަޔަށް އަނިޔާ ވެފައިވަނީ ރޭ އިންގްލިސް ޕްރިމިއަރ ލީގްގައި ބޯންމައުތާއި ދެކޮޅަށް ކުޅެ 4 - 1 އިން ޓޮޓެންހަމް މޮޅުވި މެޗްގެ 30 ވަނަ މިނިޓްގައި ބޯންމައުތު ޓީމްގެ ކީޕަރާއި ކޭން ޖެހުމުގެ ތެރޭގައެވެ. އެންޖެރީ އަށްފަހު ކޭންގެ ބަދަލުގައި ކުޅެން ނިކުތީ އެރިކް ލަމޭލާއެވެ.

ޓޮޓެންހަމްގެ ކޯޗް ބުނެފައިވަނީ އަނިޔާވެފައިވަނީ ކޭންގެ ކަނާއަތު ފައިގެ ކަކުލު ހުޅަށްކަމަށެވެ. ފަހަރުގައި ލިގަމެންޓަށް ގެއްލުންވުން އެކަށީގެންވާކަމަށް ވެސް އޭނާ ބުންޏެވެ. ކޭން އަށްވަނީ މިދިޔަ ސީޒަންގެ ކުރީކޮޅުގައި ވެސް ކަނާއަތުފައިގެ ލިގަމެންޓަށް އަނިޔާވެ ކުޅުމާއި ދުރުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހިފައެވެ. ރޭ ވެސް ހަމަ އެފަޔަށް އަނިޔާވެފައިވާތީ ކޯޗް ހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

"އަހަރެން މިހުރީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި. އުންމީދު ކުރަން މާބޮޑު އަނިޔާއެއް ނުވާނެކަމަށް. ސްކޭންގެ ނަތީޖާއަށް ފަހު ވަކި އެއްޗެއް ބުނަން އެގޭނީ" ކޯޗް ޕޮޗްޓީނޯ ބުންޏެވެ. ކޭން އަށް އަނިޔާވުމުން އޭނާ ބެންޗަށް ވެސް ނުގެންގޮސް އޭނާ ގެންދިޔައީ ސީދާ ޗޭންޖިން ރޫމަށެވެ.

ކޭންއަށް އަނިޔާވި އިރު އިގިރޭސިވިލާތުގެ ގައުމީ ޓީމް ވަނީ އަންނަ ހަފްތާގައި އިޓަލީއާއި ހޮލެންޑާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖައްސާފައެވެ. އަދި އަނިޔާ ވެއްޖެނަމަ މި ދެމެޗް ކުޅުމުގެ ފުރުސަތު ނުލިބިދާނެތީ ގައުމީ ޓީމްގެ ކޯޗް ވެސް ހުރީ ކަންބޮޑުވެފައެވެ.