ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ހަތަރު ގޯލާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

ވިކްޓަރީން މާލީ ދަތި ހާލަތުގައި އޮވެ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ހަވަނައިގައެވެ. މިއަދުގެ މެޗުން ބަލިވެ 10 މެޗުން އެޓީމަށް ލިބެނީ ނުވަ ޕޮއިންޓެވެ. ލީގުގެ އެއްވަނައިގައި ފުރަތަމަ ބުރުވެސް ނިންމާލި ޓީީސީން ވަނީ 10 މެޗުން 27 ޕޮއިންޓް ހޯދާ، ދެވަނައިގައި އޮތް އީގަލްސްއާ ހަތަރު ޕޮއިންޓަށް ފަރަގު ބޮޑުކޮށްފައެވެ. ތިންވަނައިގައި 10 މެޗުން 22 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ހަތަރުވަނައިގައި ނިއު ރޭޑިއަންޓް އޮތީ ނުވަ މެޗުން 18 ޕޮއިންޓާއެކުގައެވެ.

މިރޭ ށ. ފޯކައިދޫއާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެ، ނިއުއަށް މާޒިޔާއާ އެއް ޕޮއިންޓަށް ގާތް ކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ މެޗަށް ޓީސީން ނުކުތީ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އާއި، މެދުތެރެއަށް ކުޅޭ އިބްރާހީމް ވަހީދު (އިއްބެ)ވެސް ފުރަތަމަ 11ގައި ނުހިމަނައެވެ. ވިކްޓަރީން މެޗަށް ނުކުތީ އާއްމުކޮށް އެޓީމުގެ ފުރަތަމަ 11އިން ފެންނަ އަހުމަދު ނާޝިދު (ނާއްޓޭ)ވެސް ނުލައެވެ.

މެޗުގެ ދެވަނަ ހާފްގައި ޓީސީގެ ފޭދޫ އިއްބެ ކުޅެން ނުކުތް ނަމަވެސް، އިއްބެ ވަހީދު މިއަދުގެ މެޗުގައި ފެނިފައެއް ނުވެއެވެ.

ވަރުގަދަކޮށް މެޗު ފެށީ ޓީސީންނެވެ. އެޓީމުން އެޓޭކިން ގޭމެއް ކުޅެން މަސައްކަތް ކުރި އިރު، ވިކްޓަރީންވެސް ދިޔައީ ޓީސީ ހިފެހެއްޓުމުގައި ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ ހާފްގެ އޮއެވަރު ބަދަލުވީ މެޗުގެ 29 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގުމުންނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަގަނޑޭ، ޓީސީއަށް ލީޑު ނަގައިދިން އިރު، އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށްބުނެ، ވިކްޓަރީގެ ކުޅުންތެރިންނާއި ބެންޗުންވެސް ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާ ކޮށްފައެވެ.

ޓީސީން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ ޓީސީން އެޓޭކް ވަރުގަދަ ކުރިއެވެ. މުޅި ހާފްގައި އެއްކޮށް، މެޗު ޑޮމިނޭޓްކޮށް ޕާސްތައް ޖަހައިގެން ކުޅުނީވެސް ޓީސީންނެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި، މެޗުގެ 48 ވަނަ މިނެޓުގައި ޓީސީން ލީޑު ފުޅާކުރިއެވެ.

ވާތް ފަރާތު އަރިމަތީން މުހައްމަދު ސާމިރު ނަގައިދިން ބާރު ހުރަސް، އޭރިއާ ތެރޭގައި ހުރެ އިޝާން އިބްރާހީމް (ސައްޓު)ގެ ފައިން ޖައްސާ މަތަކޮށްލީ ދަގަނޑޭއަށް އެންމެ ހެޔޮވަރު ހިސާބަށެވެ. ދަގަނޑޭ ބޯޅަ ނިންމާލީ މަތީ ދާގަނޑަށެވެ.

ގޯލަށްފަހުވެސް ޓީސީން ރީތި ކުޅުމަކާއެކު ޕާސް ޖަހައިގެން ކުޅުނުކަން ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް ހާފްގައި ވިކްޓަރީއަށް ޓީސީގެ ގޯލްކީޕަރު ކިރަން ކުމާރު ޓެސްޓް ކޮށްލެވޭ ވަރުގެ އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ހަމަލާތައް އުފެއްދީ ޓީސީންނެވެ. އެޓީމުން ވަނީ ހަމަލާތަކުގެ ބޭނުންވެސް ހިފާފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ 54 ވަނަ މިނެޓުގައި ދަގަނޑޭގެ ރީތި ހުރަހެއް، ސައްޓު އޭރިއާ ތެރެއިން ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް، ގޯލްކީޕަރު އިމްރާން ވަނީ ހަމަލާ ފަސޭހަ ކަމާއެކު ދިފާއުކޮށްފައެވެ. އެހެން ނަމަވެސް، އޭގެ ދެ މިނެޓްފަހުން ދަގަނޑޭ ހެޓްރިކް ފުރިހަމަކޮށް، ޓީސީގެ ތިންވަނަ ގޯލް ޖަހައިދިނެވެ.

ވިކްޓަރީގެ ޑިފެންސް ލައިނުން ގޯލްކީޕަރަށް ޖައްެސާލި ބޯޅައިގެ ސްޕީޑް މަޑުވުމުން، އެ ބޯޅަ ލިބުނީ ދަގަނޑޭއަށެވެ. ގޯލްކީޕަރު އިމްރާނުގެ ކުރިން ބޯޅަ ހޯދާ ދަގަނޑޭ ގޯލަށް ބޯޅަ ފޮނުވާލި އިމްރާންގެ ބޯ މަތިން އޮއްސޭ ގޮތަށެވެ. ހެޓްރިކް ފުރިހަމަ ކުރިތާ ތިން މިނެޓްވެސް ނުވަނީސް، ދަގަނޑޭ އަނެއްކާވެސް އިތުރު ގޯލެއް ޖެހިއެވެ.

ކަނާތް ފަރާތު އަރިމަތީން ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ސައްޓު ވައްޓާލި ރީތި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ، ދަގަނޑޭ ނިންމާލީ ގޯލްގެ ތިރީ ކަނަށެވެ. ވިކްޓަރީގެ ގޯލްކީޕަރު އިމްރާނަށް ކުރެވޭނެ މަސައްކަތެއް ނެތެވެ. ދަގަނޑޭ ނިންމާލުން އެއްވުރެ ބާރެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަގަނޑޭގެ ހަތަރު ގޯލަށް ފަހުވެސް ނުރައްކާކުރީ ހަމަ ޓީސީންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އެޓީމުން ފެނިގެންދިޔައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ފޭދޫ އިއްބެ ހަމަލާ ވިކްޓަރީ ގޯލްކީޕަރު ދިފާއުކުރި އިރު، އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ޓީސީގެ ދެ ހަމަލާ ފެނުނެވެ.

އަރިމަތިން ފޭދޫ އިއްބެ ހުރަސް ކުރި ބޯޅަ، ގޯލް ކުރިމަތީ ހުސްކޮށް ހުރި ދަގަނޑޭގެ ފައިގާ ލައްވާ ނުލާ ދިޔަ އިރު، ފާ ޕޯސްޓަށް އެރި ސައްޓު ވަނީ ދެ ބުރަށް އެ ހަމަލާ ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ ފަހަރު ޑިފެންޑަރު ބްލޮކް ކުރި އިރު، ދެވަނަ ބުރަށް މަތަކުރީ ގޯލްކީޕަރު އިމްރާނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފް ނިމެން ދަނިކޮށް، ވިކްޓަރީއަށް ލިބުނު ހަމައެކަނި ފުރުސަތު ލިބުނީ އަހުމަދު ރަޝީދު (އަންމަޑޭ) އަށެވެ. ޑިފެންޑަރު ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މެޗުގައި ވާދަކުރާނީ ށ. ފޯކައިދުއާއި ނިއު ރޭޑިއަންޓެވެ.