ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ދުވުންވެސް ހުޅުމާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗް ހުންނަ ކޮންމެ ރަށެއްގައި ކުރިއަށްދާނެއެވެ. މި ހަރަކާތަކީ އެއްފަހަރާ މިހާ ގިނަ ރަށްރަށުގައި ކުރިއަށްދާ ހަމައެކަނި ދުވުންކަންވެސް ފާހަގަކޮށްލެވެއެވެ.

ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" ހުރިހާ ރަށެއްގައިވެސް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ހަވީރު 4:00 ގައެވެ. އަދި މި ދުވުމުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީކުރާކަށްވެސް ނުޖެހޭނެއެވެ.

ދުވުމުގައި ބޭނުންކުރާ ޓީޝާޓް ލެކިއުޓް، މާލެ، އަދި ރެޕިއުޓް، ހުޅުމާލެއިން 150 ރުފިޔާ އަށް ގަންނަން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ދުވުން އޮންނަ ރަށްތަކުންވެސް ލިބެން ހުންނާނެއެވެ. ޓީޝާޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާ އެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކެންސަރ ސޮސައިޓީ އަށް ވުމާއެކު ދުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް މި ހާއްސަ ޓީޝާޓް ބައްލަވައިގަތުމަކީ ސީއެސްއެމްގެ ވަރަށް ބޮޑު އެދުމެކެވެ.

ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމަކީ ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިކުރުވައި އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ބަޔާންކޮށްދޭ މުހިންމު ހަރަކާތަކަށް ވެގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން- ވޯކް" ބޭއްވުމަށް ސީއެސްއެމް އަށް އެހީތެރިވަމުންނެވެ. މީގެ އިތުރުން ސީއެސްއެމްއާ އެކު ބޭންކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ބައިވެރިންނަށް އަމާޒުކޮށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއްވެސް ވަނީ ހިންގާފައެވެ. އަދި ކެންސަރާ ބެހޭ މައުލޫމާތު ދިނުމާއި ގަވައިދުން ކެންސަރުގެ އަލާމާތެއް ފެނޭތޯ ބެލުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް ބޭއްވުނެވެ.

ކިޔުންތެރިންގެ ހިޔާލު