މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން "ސެމިނަރ އޮން ހެލްތް، ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް" ނަމުގައި ސެމިނަރއެއް އިއްޔެ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނިގޮތުގައި މި ސެމިނަރ ބޭއްވުމުގެ މަޤްޞަދަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުމާއި، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރު ކުޅުމުގައާއި ކުޅިވަރަށްފަހު ދިމާވާ ސިއްޙީ ގެއްލުންތަކުން ރައްކާތެރިވުމާއި، ކެއުމުގެ ރަގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މިސެމިނަރގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ބޭސިކްސް އޮފް ސްޕޯޓްސް ނިއުޓްރިޝަން، ނިއުޓްރިޝަން ފޯރ ޕާރފޯމަންސް، އިންޑިވިޖުއަލައިޒްޑް/ ސްޕެސިފިކް ސްޕޯޓްސް ނިއުޓްރިޝަންއެވެ. 20 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މިސެމިނަރގައި ކިޔަވައިދެއްވާފައިވަނީ މެލޭޝިޔާގެ ސެޓިފައިޑް ސްޕޯޓްސް ޑައިޓީޝަން، ތާނިޔާ ލީ ޒޫ ޔާރްއެވެ.

ސެމިނަރގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް މި ސެމިނަރއިން ދަސްވި މަޢުލޫމާތުތައް އާންމުންނަށާއި، ކޯސްތަކުގެ ބައިވެރިންނަށާއި، ރައްޓެހިންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. އެއީ މިމަޢުލޫމާތުތަކަކީ މުޖުތަމަޢުގައި އުޅޭ އެންމެ އާދައިގެ މީހަކަށްވެސް އެނގުން މުހިއްމު ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދެވިފައި ނުވާ މަޢުލޫމާތުތަކެއްކަމަށް ވާތީ ކަމުގައި ވިދާޅުވިއެވެ.

މި ޕްރޮގްރާމް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރި ވެދެއްވާފައިވާތީ "ކެލޮރީ ކައުންޓަރ މޯލްޑިވްސް" އަދި "ޗަންޕާ ސެންޓްރަލް ހޮޓެލް" އަށް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު