ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީގެ މައްޗަށް 3-1 އިން ކުރި ހޯދާ، މި ސީޒަނުގައި އާސެނަލް އިން ޖެހިޖެހިގެން 10 ވަނަ މޮޅު ހޯދައިފިއެވެ.

ރޭގެ މޮޅާއެކު އާސެނަލް މިހާރު ވަނީ 21 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނަ މަގާމަށް ޖެހިލާފައެވެ. ލީގުގެ ތިންވަނައިގައި އޮތް ޗެލްސީ އަށް ވެސް 21 ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް އަދި ގޯލުގެ ތަފާތުން އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

ރޭގެ މޮޅަކީ އާސެނަލް އިން މި ސީޒަނުގައި ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅު ކަމަށްވާއިރު، އެޓީމު އެންމެފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. ޕްރިމިއާ ލީގުގައި ކުޅުނު އެ މެޗުން އާސެނަލް ބަލިވީ ޗެލްސީ އާއި ބައްދަލުކޮށް 3-2 އިންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލެސްޓާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 31 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ވެސް ނަގާފައެވެ. ލެސްޓާގެ މި ގޯލަކީ އާސެނަލްގެ ޑިފެންޑަރު ހެކްޓަ ބެލެރިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލެސްޓާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، އެ ހާފްގެ ފަހު މިނެޓްގައި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސުޓް އޮޒިލް ވަނީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޑޮމިނޭޓްކޮށްގެން ކުޅުނީ އާސެނަލް އިން ކަމަށްވާއިރު މެޗުގެ 63 ވަނަ މިނެޓްގައި އޮބަމަޔަންގް ވަނީ އާސެނަލް އަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން އާސެނަލްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އޮބަމަޔަންގްއެވެ. އޮބަމަޔަންގް ދެ ގޯލު ކާމިޔާބު ކުރިއިރު އޭނާ ކުޅެން އަރާފައިވަނީ ވެސް ދެވަނަ ހާފުގައެވެ.

މި ދެ ގޯލުގެ އިތުރުން ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އާސެނަލް އިން ތަނަވަސްކުރިއެވެ. އެގޮތުން އެޓީމުގެ ފޯވާޑް ލަކަޒެޓް އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ.

ޖެހިޖެހިގެން 10 މޮޅު އާސެނަލް އިން ހޯދާފައިވާއިރު، މިއީ 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށްފަހު އެޓީމަށް މިކަން ތަކުރާރު ކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.