2009 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ހަގީގަތް ހާމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރޮނާލްޑޯ ބުނެފިއެވެ.

ރޭޕްގެ ތުހުމަތު ރޮނާލްޑޯގެ މައްޗަށް ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ކެތްރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެކެވެ. ޖަރުމަނުގެ މެގަޒިން އަކަށް މަޔޯގާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ އޭނާ ރޭޕްކޮށްފައިވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް މި މައްސަލަ ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅި ކަމަށް މަޔޯގާ ބުނެފައިވެއެވެ.

އަދި މި ހާދިސާގެ ވާހަކަ އާއްމުންގެ މެދުގައި ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށްވެސް މަޔޯގާ ބުނެފައިވެއެވެ.

އެ މައްސަލަ އަލުން ތަހުގީގު ކުރުމުގެ މަސައްކަތް އެމެރިކާގެ ލަސް ވޭގަސްގެ ފުލުހުން ފަށާފައިވާއިރު، ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ޔުވެންޓަސް އިން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިކަމުގައި އެއްވެސް ދޮގެއް ހަދަން ބޭނުން ނުވާ ކަމަށާއި މިކަމުގެ ހަގީގަތް ހާމަވާނެ ކަމުގެ ޔަގީންކަން އޭނާ އަށާއި އަދި އޭނާގެ ވަކީލުންނަށް ވެސް އެބައޮތް ކަމަށެވެ.

ރޭޕްގެ ތުހުމަތާ ގުޅިގެން އެއްވެސް ކަމަކަށް އަސަރެއް ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ އޭނާ އަކީ އުފަލުގައި އުޅެމުންދާ މީހެއް ކަމަށާއި އެ ކަންތައްތަކާ ގުޅިގެން އެއްވެސް ކަމަކަށް އަސަރެއް ނުކުރާ ކަމަށެވެ.

"އަހަންނަށް އިނގޭ އަހަންނަކީ ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ނަމޫނާ ދައްކާ މީހެއްކަން. މިއީ 100 ޕަސެންޓް ޔަގީން ކަމެއް. އަހަންނަކީ އުފަލުގައި އުޅެމުން އަންނަ މީހެއް. އަހަރެންގެ އެބައޮތް ބަރާބަރު އާއިލާ އަކާއި ހަތަރު ކުދިން. އަހަރެން މިހުރީ ރަނގަޅު ސިއްހަތެއްގައި. އަހަރެން އަތުގައި އެބަހުރި ހުރިހާ އެއްޗެއް. އެހެންވީމަ ބާކީ ހުރި ކަންތައްތަކުން އަހަންނަކަށް އަސަރެއް ނުކުރާނެ" ރޭޕްގެ ތުހުމަތާ ގުޅިގެން ފުރަތަމަ ފަހަރަށް މީޑިޔާގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ރޭޕްގެ ތުހުމަތު ރޮނާލްޑޯ ތަކުރާރުކޮށް ދޮގުކުރަމުން އަންނައިރު، އޭނާގެ ގާނޫނީ ވަކީލު ކްރިސްޓިއަން ސަންޗޭޒް ވަނީ މި ހަބަރު އާއްމުކުރި ޖަރުމަނުގެ މެގަޒިންއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ފެށުމަށް ރޮނާލްޑޯ އަންގާފައިވާ ކަމަށްވެސް ސަންޗޭޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތި މައްސަލަޔާ މައްސަލަޔަށްވާ ދެތިން މިލިޔަން ޑޮލަރު ރާއްޖޭ ފަނޑިޔާރުގެޔަކަށް ވައްދާފައި ހަމަޖެހިލައިގެން ގޭގައި ހުރޭ! ބޭނުން ގޮތަކަށް ބޭނުން ދުވަހަކަށް ބޭނުން މިންވަރަކަށް ޔަޤީންކަމާއެކު މައްސަލަ ނިމޭނެ! އަހަރެމެން މިތިބީ އިންސާފު ޤާއިމްކޮށްގެން!