ރެއާލް މެޑްރިޑަށް އެނބުރި ދާން އުޅޭ ވާހަކަތައް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ދޮގުކޮށްފިއެވެ.

މޮރީނިއޯ މިކަން ދޮގުކޮށްފައިމިވަނީ ރެއާލްގެ ކޯޗަކަށް މިވަގުތު ހުރި ހުލެން ލޮޕެޓެގީ ވަކި ކުރުމަށްފަހު އެ މަގާމަށް މޮރީނިއޯ ގެންނަން އުޅޭ ކަމަށް ބުނެ ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މޮރީނިއޯ ވަނީ 2010 އިން 2013 ވަނަ އަހަރާއި ހަމައަށް ރެއާލްގެ ކޯޗުކަން މީގެކުރިން ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މޮރީނިއޯ ބުނީ ރެއާލް އަށް އެނބުރި ދާން އުޅޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި އޭނާގެ ކުރިމަގު އޮތީ ޔުނައިޓެޑުގައި ކަމަށެވެ.

"ޔުނައިޓެޑާއެކު އަހަރެން ހަދާފައި އެބައޮތް ކޮންޓްރެކްޓެއް. ކޮންޓްރެކްޓް ހަމަވުމާއި ހަމައަށް އަހަރެން ވިސްނާނީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑާއި މެދު. ކޮންޓްރެކްޓް ހަމަވުމަށްފަހު ވެސް މި ކްލަބުގައި ހުންނަން އަހަރެންގެ މައްސަލައެއް ނެތް" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ޔުނައިޓެޑާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރުއެވެ.

ޔުވެންޓަސް އާއި ދެކޮޅަށް ޔުނައިޓެޑް މިރޭ ނިކުންނައިރު އަނިޔާގެ ސަބަބުން އެޓީމުގެ ވިންގާ އެލެކްސިސް ސަންޗޭޒް އަށް މި މެޗުގައި ނުކުޅެވޭނެއެވެ. މީގެއިތުރުން އަނިޔާގެ ސަބަބުން ޔުވެންޓަސްގެ ފޯވާޑް މާރިއޯ މަންޒުކިޗް ވެސް މި މެޗުގައި ނުކުޅެވޭނެއެވެ.

ގްރޫޕް އެޗްގައި ހިމެނޭ މި ދެ ޓީމުވެސް މިހާތަނަށް މުބާރާތުގައި ދެ މެޗު ކުޅެފައިވާއިރު، ހަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ޔުވެންޓަސްއެވެ. ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.