ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރި މެޗު 1-0 އިން ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.

ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާ އެކު ޔުވެންޓަސް އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު ޔުނައިޓެޑް އޮތްއިރު ދެ ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ވެލެންސިޔާއެވެ. އަދި ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ޔަންގް ބޯއީސްއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ޕައުލޯ ޑިބާލާ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޔުވެންޓަސް އިން ތަނަވަސްކުރިއެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުމާއި މަޓުއިޑީ ފޮނުވާލި ހަމަލާ ދިފާއުކުރީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާއެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ވެސް ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާގެ ހުރަހަކަށް ވެސް ވީ ޑެހެޔާއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑުގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައި ވެސް ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އަށް ކަމަށްވާއިރު، އޭނާ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ރޭގެ މެޗުން ޔުނައިޓެޑް ބަލިވިއިރު އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ހޯދިފައިވަނީ އެންމެ މެޗަކުންކަން ފާހަގަކޮށްލެވެއެވެ.

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ދެން ވެސް ބައްދަލުކުރާނީ ޔުވެންޓަސް އާއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރެއެވެ. އެ މެޗުން ޔުވެންޓަސް މޮޅުވެއްޖެނަމަ މުބާރާތުގެ ދެވަނަ ބުރަށް އެޓީމު ދަތުރުކުރާނެއެވެ.