ލިއޮނަލް މެސީ އާއި ނުލާ ކުޅުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން މެސީ ތިން ހަފްތާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާއިރު، މި އަނިޔާ އާއި ގުޅިގެން ބާސާ އިން ކުޅޭ ފަސް މެޗެއްގައި މެސީ އަށް ނުކުޅެވޭނެއެވެ. އެ މެޗުތަކުގެ ތެރޭގައި މިރޭ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ އާދީއްތަ ދުވަހު ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސާ އިން ކުޅޭ "އެލް ކްލެސިކޯ" މެޗު ހިމެނެއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ވަލްވާޑޭ ބުނީ މެސީ އާއި ނުލާ މެޗުތަކުގައި ކުޅުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި މެސީ ނެތްތަން ނުދައްކަން ހުރިހާ ކުޅުންތެރިން ވެސް ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މެސީ ނެތްތަން ކޮންމެ ގޮތަކަށް ވިޔަސް ދައްކާނެ. އެކަމަކު މެސީ ނެތްތަން ފޫބައްދާނެ ކުޅުންތެރިން ޓީމުގައި އެބަތިބި. އަދި މެސީ ނެތުމުން އަހަރުމެން ކުޅޭ ގޮތަށް ބަދަލުވެސް ގެނެވިދާނެ" ވަލްވާޑޭ ބުންޏެވެ.

ބާސާ އާއި ދެކޮޅަށް މިރޭ ކުޅޭ އިންޓަ އާއި ގުޅޭގޮތުން ވާހަކަދައްކަމުން ވަލްވާޑޭ ބުނީ އިންޓަ މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެޓީމަކީ ވަރަށް ހިތްވަރާ އެކީ ކުޅޭ ޓީމެއްކަން ފާއިތުވެގެންދިޔަ މެޗުތަކުން ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މިހާތަނަށް އިންޓަ އާއި ބާސާ މޮޅުވެފައިވުމުން މި މެޗު ދެ ޓީމަށް ވެސް މުހިއްމު ވާނެކަން ވަލްވާޑޭ ފާހަގަކުރިއެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.