ޕޮލިސް ކްލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެވެށީ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ސިފައިން ކާމިޔާބުކުރީ ތިން ސެޓު، ދެ ސެޓުންނެވެ.

ރޭގެ މެޗަށް ނުކުތް އިރު، ޕޮލިސް އޮތީ މެޗަކުން ބަލިނުވެއެވެ. ހާއްސަކޮށް ސެމީ ފައިނަލްގައި ޕޮލިސް އޮތީ ސިފައިންވެސް ބަލިކޮށްފައެވެ. އެހެން ނަމަވެސް، ރޭގެ މެޗުގައި ސިފައިން ފެނުނީ ތަފާތު ފޯރިއެއްގައި، ތަފާތު ރޫހެއްގައި ކުޅުނުތަނެވެ.

މެޗުގެ ފުރަތަމަ ސެޓު ސިފައިން ފެށީ ވަރުގަދަކޮށެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު މެޗަށް ސިފައިންގެ ސަޕޯޓަރުން ގިނައިން ވަދެ އޮތް އިރު، ސިފައިންގެ ސަޕޯޓަރުންގެ އަޑުން މުޅި ޒުވާނުންގެ މަރުކަޒު ވަނީ ގުގުމާލާފައެވެ.

ފުރަތަމަ ސެޓު ފަށައިގެން ހަތަރު ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން އައި ސިފައިން ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިސާމް އަދި ކެޕްޓަން އަހުމަދު އަބްދުލްކަރީމް ؛(ލޯންގޭ)ގެ މޮޅު ކުޅުމާއެކު ސިފައިން ސެޓު ގެންދިޔަ އިރު، އެޓީމުން ވަނީ ޕޮލިސް ކްލަބުގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީފައެވެ. ރަނގަޅު ރޭވުންތެރިކަމަކާއެކު މުރާދުގެ ގިނަ ސްޕައިކްތަކެއް ބްލޮކް ކުރި މަންޒަރުވެސް ފެނިގެން ދިޔައެވެ.

ރޭ ކުޅުނު ފައިނަލްގެ ތެރެއިން ---

ފުރަތަމަ ސެޓު، 25-17އިން ސިފައިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓަށް ނުކުމެ ޕޮލިހުން މެޗުގެ އޮއެވަރު އަނބުރާލިއެވެ. މުރާދުގެ ބާރު ހަމަލާތަކެއް ފެނުނު އިރު، ސިފައިންގެ ޓީމަށް އެ ސެޓުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ހާއްސަކޮށް އެޓީމަށް ސެޓިންގެ މައްސަލަތައް ވަނީ ގިނަ ފަހަރެއްގެ މަތިން ކުރިމަތިވެފައެވެ.

އަލީ ހުޒާމް (ހުޒާންޓޭ)އާއި މުރާދުގެ ގިނަ ޝޮޓުތަކަކާއެކު ޕޮލިހުން 25-17އިން ސެޓު ގެންގޮސް، މެޗު ފޯރިގަދަކޮށްލިއެވެ.

ތިންވަނަ ސެޓު ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ސެޓުގައި ސިފައިންނަށް ސެޓިންގެ މައްސަލަތައް ދިމާވި ނަމަވެސް، އެޓީމުން ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. ސެޓު ނިންމާލުމަށް ޕޮލިހަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސ،ް އެޓީމަށް އެކަން ނުވެގެން ދިޔަ އިރު، އެމްއެންޑީއެފްއިން 29-27އިން ސެޓު ނިންމާލީ ވަސީމްގެ ބާރު ދެ ހަމަލާއަކުންނެވެ.

ސިފައިން ދެވަނަ ސެޓެއް ގެންދިޔުމާއެކު ޕޮލިހަށް ހަތަރުވަނަ ސެޓު މަޖުބޫރުވިއެވެ. ސެޓުގެ ކުރީކޮޅުގައި ލީޑު ކުރީވެސް ޕޮލިހެވެ. އެހެން ނަމަވެސް ސިފައިން ވަނީ ފަހަތުން އަރާ ސެޓުގެ ލީޑުވެސް ނަގައިފައެވެ. ފޯރިގަދަކޮށް ފެނުނު ސެޓުގައި ރެފްރީގެ މައްސަލަތަކަށް ފާޑުކިޔުމުގެ ސަބަބުން ޕޮލިސްގެ ފައިރޫޒާއި ސިފައިންގެ ކޯޗު މުމްޒާތަށްވެސް ރެފްރީ ކާޑު ދައްކާފައިވެއެވެ.

ސިފައިން ލީޑު ނެގި ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ގޮތުގައި ލީޑު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. ހާއްސަކޮށް އެ ސެޓުގައި ލޯންގޭ ފެނުނީ ދަށްކޮށެވެ. ހުޒާންޓޭއާއި މުރާދުގެ ބާރު ހަމަލާތަކުން ޕޮލިސް ސެޓު ގެންދިޔައީ 25-22އިންނެވެ.

ޓައި ބްރޭކާ ސެޓުގައި ސިފައިން ތަފާތު ދެއްކިއެވެ. ފުރަތަމަވެސް ބޮޑު ލީޑެއް ނަގައި، ޕޮލިހުންގެ ހިތްވަރު ބަލިކޮށްލިއެވެ. 15-7އިން ސިފައިން ފަހު ސެޓު ގެންދިޔަ އިރު، އާދަމް ނަސީމް (އެޑަމް)އާއި، އަނިޔާގައި ހުރެ ކުޅުމުންދިޔަ ލޯންގޭގެ ކުޅުން ފާހަގަ ކޮށްލެވުނެވެ.

ރޭ ކުޅުނު ފައިނަލްގެ ތެރެއިން ---

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ލޯންގޭ ހޮވުނު އިރު، ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިހުގެ ހުޒާންޓެ، ޝުވައިބު އަބްދުއްލަތީފް، މުހައްމަދު ނައީމް، ސިފައިންގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ސައީދު (ސޭންޑީ)، ލޯންގޭ އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކޯޗު މުމްތާޒެވެ.

އުންމީދީ ކުޅުންތެރިޔަކަށް ހުޅުމާލޭގެ ރައްޒާން ހޮވުނު އިރު، ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ. މެޗަށްފަހު ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ސިފައިންގެ ޓީމާ ތަށި ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.