ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މިއަދު ށ. ފޯކައިދުއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަކީ ފޯކައިދުއަށް ތާވަލުގައި ވިކްޓަރީ ފަހަތަށް ޖައްސާލަން ލިބުނު ރަނގަޅު ފުރުސަތެކެވެ. އެހެން ނަމަވެސް، މެޗުން ޕޮއިންޓެއް ލިބި، ފޯކައިދޫ އޮތީ 11 މެޗުން ނުވަ ޕޮއިންޓާއެކު ހަތްވަނައިގައެވެ. ވިކްޓަރީއަށް 11 މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ހަވަނައިގައެވެ.

ފޯކައިދުއާއި ވިކްޓަރީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ނުފެނެއެވެ. ހާއްސަކޮށް ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެދުތެރެއިން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާ އިރު، ދެޓީމަށްވެސް ހާފް ނިމެން ދަނިކޮށް ފުރުސަތެއް ލިބިފައިވެއެވެ.

ވިކްޓަރީގެ ކުރިއަށް ކުޅެމުންދިޔަ ޒުވާން ފޯވަޑް ހާޒިމް ފައުޒީ ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ އަނެއްކޮޅުން ފޯކައިދުއަށް މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ޖައިލަމް (އޮގީ) ފޮނުވާލި ހަމަލާ ގޯލްގެ މަތީ ދަނޑިއަށް އަމާޒުވީ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން އަތުގައި ޖެހިފައެވެ.

ދެވަނަ ހާފް ފެނުނީ ދެޓީމަށްވެސް ފުރުސަތުތަކެއް ލިބިގެންދިޔަ ހާފެއްގެ ގޮތުގައެވެ. ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލްއަށް ފަހި ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ މަތަކުރީ ވިކްޓަރީގެ ގޯލްކީޕަރު އިމްރާނެވެ.

އަނެއްކޮޅުން ދެވަނަ ހާފްގައި ވިކްޓަރީއަށްވެސް ގޯލް ޖަހާނެގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި އަރިމަތިން މިރާހު ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި ހުރި ރިޒުވާނަށް ލިބުނު ނަމަވެސް، އޭނާއަށް އެންމެ ރަނގަޅަށް ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

އޭގެ 10 މިނެޓްފަހުން ވިކްޓަރީގެ ބޭންޑް އަޅައިގެން ކުޅުނު އަހުމަދު ރަޝީދު (އަންމަޑޭ) އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ފޯކައިދޫގެ ގޯލްކީޕަރު ސާގިބު ހަނީފް މަތަކުރި އިރު، މެޗު ނިމެން ދަނިކޮށް މިރާހު ފޮނުވާލި ހަމަލާވެސް މަތަކޮށް، ފޯކައިދުއަށް ޕޮއިންޓެއް ސަލާމަތް ކޮށްދިނީ ސާގިބް ހަނީފެވެ.

ފޯކައިދުއާއި ވިކްޓަރީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފަހު 10 މިނެޓް ތެރޭގައި ފޯކައިދޫގެ ހަލީލް ނަގައިދިން ހުރަހަކުން އަހުމަދު މުހައްމަދަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާގެ ހަމަލާ ދިފާއުކުރީ ގޯލްކީޕަރު އިމްރާނެވެ.

ލީގުގައި ފޯރިގަދަ މެޗެއް މިރޭ އޮންނާނެއެވެ. 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި، ހަތަރުވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.