ފަނަރަ އަހަރުން ދަށުގެ ސާފް ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން ބަލިވެއްޖެއެވެ.

ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ނޭޕާލް އަތުން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ނޭޕާލުން ވަނީ ދެ ގޯލް ޖަހައިފައެވެ. އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 28 ވަނަ މިނެޓުގައި ޖާން ލިމްބޫ ކާމިޔާބުކޮށްދިން އިރު، ދެވަނަ ގޯލް ހާފް ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ ނަމާސް ތާޕާ މަގަރެވެ.

ދެވަނަ ހާފްގައިވެސް ވަރުގަދަކޮށް ފެނުނީ ނޭޕާލެވެ. ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، 63 ވަނަ މިނެޓުގައި ޝަޝާންކްގެ ގޯލާއެކު ނޭޕާލުން ލީޑު އިތުރަށް ފުޅާކުރިއެވެ. އަދި 70 ވަނަ މިނެޓުގައި ޑިޕޭޝް ރާއީގެ ގޯލާއެކު ނޭޕާލުން ހަތަރުވަނަ ގޯލެއް ޖަހައި، ތިން ޕޮއިންޓް ޔަގީން ކުރިއެވެ.

މިއަހަރުގެ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އިއްޔެ، ޕާކިސްތާނުން ވަނީ އެންމެފަހުގެ ޗެމްޕިއަން އިންޑިއާ ބަލިކޮށްފައެވެ. ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުގައި ޕާކިސްތާނުން ވަރުގަދަ އިންޑިއާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ މުބާރާތުގައި ހަ ގައުމެއް ވާދަކުރާނެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިޔަށްދާ އިރު، ރާއްޖެ ކުޅޭނީ ގްރޫޕް އޭ ގައެވެ. އެ ގްރޫޕުގައި ރާއްޖެއާއެކު ހިމެނޭ ގައުމުތަކަކީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ބަންގާޅެވެ.

ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާއި ބޫޓާންގެ އިތުރުން ޕާކިސްތާނެވެ. މުބާރާތުގައި ސްރީލަންކާ ވާދަކުރާގޮތަށް ކުރިން އޮތް ނަމަވެސް އެ ގައުމު ވަނީ ފަހުވަގުތު މުބާރާތުން ވަކިވެފައެވެ.

މިއީ 15 އަހަރުން ދަށަށް އަމާޒުކޮށްގެން ސާފް ޗެމްޕިއަންޝިޕް ބާއްވާ ފަސްވަނަ ފަހަރެވެ. ރާއްޖެ ވަނީ މިހާތަނަށް އެ މުބާރާތުގައި ހަތަރު އަހަރު ވާދަކޮށްފައެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު