ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބުން އެންމެފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ލީގުގެ ފުރަތަމަ ބުރުގައިވެސް ޓީސީން ނިއު ބަލިކޮށްފައިވާ އިރު، އެ މެޗުން ޓީސީ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މިރޭ ޓީސީން ނިއުގެ މައްޗަށް ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައިވެސް ދެ ގޯލް ޖެހIީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މިރޭގެ މެޗުގައި ޓީސީގެ ކެޕްޓަނަކީވެސް ދަގަނޑޭއެވެ. ދަގަނޑޭގެ ފަރާތުން މިރޭގެ މެޗުގައި ދެ ގޯލް ފެނުނު އިރު، އޭނާ ދެއްކި ލީޑާޝިޕާއި، މޮޅު ކުޅުމަށް ޓީސީގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މެޗަށްފަހު ތައުރީފްވެސް ކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ޓީސީއާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗަށް ނުކުތް އިރު، ހަތަރުވަނައިގައި ނިއު އޮތީ 10 މެޗުން 21 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ޓީސީ އޮތީ 10 މެޗުން 27 ޕޮއިންޓާއެކުގައެވެ. މެޗުން މޮޅުވެ ޓީސީން 11 މެޗުން 30 ޕޮއިންޓް ހަމަކުރި އިރު، އެޓީމާ ނިއުއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ޓީސީއަށްވުރެ އެއްމެޗު މަދުން ކުޅެ، 10 މެޗުން 23 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ކްލަބު އީގަލްސް އޮތް އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ތިންވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗު ވެގެންދިޔައީ ބަލާހިތްވާ ފަދަ އެޓޭކިން ފުޓުބޯޅައެއް ދެޓީމުންވެސް ފެނިގެންދިޔަ މެޗަކަށެވެ. ފޯރިގަދަ ކުޅުމެއް މެޗުގައި ފެނިގެންދިޔަ އިރު، މެޗު ވަރުގަދަކޮށް ފެށީ ޓީސީންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ދަގަނޑޭގެ ހިތްގައިމު ގޯލަކާއެކު ޓީސީން ލީޑުވެސް ނެގިއެވެ.

މެޗުގެ ކުރީކޮޅުގައި ގޯލެއް ފެނިފައިވާ އިރު، މުޅި މެޗުގައިވެސް ހަމަލާއަކަށްފަހު ހަމަލާއެއް ފެންނަމުން ދިޔައެވެ. ހާއްސަކޮށް ދެޓީމަށްވެސް ހުސް ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވުނެވެ. މެޗުގައި ނިއުގެ ފުރަތަމަ ހަމަލާ ފެނުނީ 11 ވަނަ މިނެޓުގައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ތުރޫ ބޯޅައަކަށް ދުވެ، މުހައްމަދު އުމެއިރު ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ސީދާ ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރުގެ އަތަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ޓީސީއާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަތަމަ ހާފްގައި އިތުރު ހަމަލާތައް ފެނިގެންދިޔަ އިރު، ޓީސީގެ ހަލުވި ފޯވަޑް ލައިން ހަންމަތަކުރުމަށް ނިއުގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް ދަގަނޑޭ ހިފެހެއްޓުން ވެގެންދިޔައީ ނިއުއަށް އުނދަގޫ މަސައްކަތަކަށެވެ. 15 ވަނަ މިނެޓުގައި ދަގަނޑޭ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ޑިފެންޑަރު މުހައްމަދު ސާމިރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ ތިރިތިރީން ބޭރަށެވެ.

ފުރަތަމަ ހާފްގައި ދެން ނިއުގެ ފަރާތުން ފެނުނީ އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ރުވާންޑާގެ ފޯވަޑް އަތޫރޭ ކިޕްސަންގެ ހަމަލާއެކެވެ. ސެންޓޭގެ ހަމަލާ ގޯލްކީޕަރު ކިރަން މަތަކުރި އިރު، ކިޕްސަން ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ފުރަތަމަ ހާފްގައި މޮޅަށް ކުޅުނު ޓީސީއަށް ލީޑު ފުޅާކުރުމަށްވެސް ފުރުސަތު ތަނަވަސްވިއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ސާމިރު ނަގައިދިން ބާރު ހުރަސް، އޭރިއާ ތެރޭގައި ހުސްކޮށް އޮތް ހަސަން ސާދުގެ ބޮލުގައި ކޭއްތިލާފައި ދިޔަ ނަމަވެސް، އޭނާއަށް ގޯލަށް އެތެރެކޮށްލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފަށް ޓީސީން ނުކުތީ ލީޑު ދިފާއުކުރުމުގެ ވިސްނުމުގައެވެ. ތަންކޮޅެއް ބޮޑަށް ޑިފެންސަށް ޓީމު ޖެހި، ކައުންޓާ އެޓޭކް ކުރުމަށް ޓީސީން ވިސްނި އިރު، ނިއުއިން ވަނީ ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއްވެސް ތަނަވަސް ކޮށްފައެވެ.

މެޗުގެ 52 ވަނަ މިނެޓުގައި އަރިމަތިން އުމެއިރު ފޮނުވާލި ބާރު ހަމަލާ ކިރަން ފައިން ދިފާއުކޮށް، ބޭރުކޮށްލި އިރު، އޭގެ ހަތަރު މިނެޓްފަހުން ނިއުއަށް ޕެނެލްޓީއެއްވެސް ލިބުނެވެ. ޓީސީގެ ޑިފެންޑަރު ސާމިރު، އޭރިއާގެ އަރިމަތިން ސެންޓޭއަށް ކުރި ފައުލާ ގުޅިގެން ރެފްރީ ޕެނެލްޓީ ދީފައިވާ އިރު، އެ ނިންމުމަށް ޓީސީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ޝަކުވާވެސް ކޮށްފައެވެ.

ނިއުގެ ޕެނެލްޓީ ސެންޓޭ ފޮނުވާލި ނަމަވެސް، ދިޔައީ މާ މަތިން ބޭރަށެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ނިއުއަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުމުން އަނެއްކާވެސް ޓީސީއަށް ހިތްވަރެއް ލިބުނެވެ. ނިއުއިން ފަހު ހާފްގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔަ އިރު، ޓީސީގެ ކައުންޓާ އެޓޭކްތައް ދިޔައީ ނުރައްކާވަމުންނެވެ. ހާއްސަކޮށް ނިއުގެ އޮފްސައިޑް މަޅިން ނެއްޓި، ދަގަނޑޭ ނަގަމުންދިޔަ ރަންތައް ފާހަގަކޮށްލެވުނެވެ.

އެފަދަ ފުރުސަތެއްގައި މެޗުގެ 69 ވަނަ މިނެޓުގައި ދަގަނޑޭ ހުސްކޮށް، ނިއުގެ އޭރިއާ ތެރެއަށް ވަދެ، ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، ފަހުވަގުތު އަކުރަމް އަބްދުލްޣަނީ (އަކޫ) ވަނީ ރީތި ޓެކުލަކާއެކު އެ ބޯޅަ ދިފާއުކޮށްފައެވެ. އެ ބޯޅަ ރަނގަޅަށް ސާފްކޮށް ނުލެވިގެން އުޅެނިކޮށް، ޓީސީގެ އާދަމް އިޝާން (ސައްޓު)އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ މަތިންނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ޓީސީއާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ އިރުކޮޅެއްފަހުން ނިއުގެ ދެ ހަމަލާއެއް ފެނުނެވެ. އަރިމަރިން ސެންޓޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒުނުވެ ބޭރަށް ދިޔަ އިރު، ހަމްޕުއާއެކު ރީތި ވަންޓޫ ޕާހެއް ޖެހުމަށްފަހު ސެންޓޭ ފޮނުވާލި ދެވަނަ ހަމަލާ ދިޔައީ މަޑުމަޑުން ގޯލްކީޕަރު ކިރަން އަތަށެވެ.

ޓީސީން ދެވަނަ ގޯލެއް ޖަހައި ހަމަޖެހިލީ 77 ވަނަ މިނެޓުގައެވެ. އެފަހަރުވެސް ނިއުގެ އޮފްސައިޑް މަޅިން ނެއްޓި، ދަގަނޑޭ ހުސްކޮށް އަރާ، ގޯލްކީޕަރު މުހައްމަދު ފައިސަލް ނައްޓާލަން ހިފުމުން، ފައިސަލް ވަނީ ދަގަނޑޭއަށް ފައުލް ކޮށްފައެވެ. ޓީސީގެ ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ ޕެނެލްޓީ ހޯދި ދަގަނޑޭއެވެ.

ޓީސީއަށް މެޗު ނިމެން ދަނިކޮށް އިތުރު ފުރުސަތެއް ލިބުނެވެ. 82 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ ނަގާލި އިރު، މެޗުގައި އޭނާއަށް ވަނީ އަނިޔާވެގެން ބަދަލުވެސް ކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ފ. ނިލަންދޫ ވާދަކުރާ އިރު، މާދަމާ ރޭ އޮންނާނީ މާޒިޔާއާއި އީގަލްސް ވާދަކުރާ މެޗެވެ.