ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި އާސެނަލް ވެސް މޮޅުވެއްޖެއެވެ.

ޗެލްސީ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ބެލަރޫސްގެ ބާޓޭ ބޮރިސޯވް އާއި ބައްދަލުކޮށް 1-3 އިންނެވެ.

ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޒަޕަކޯސްޓާ ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކްއެވެ. އަދި މެޗުގެ އަށްވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ލޮފްޓަސް ޗީކްއެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ޗެލްސީން ތަނަވަސްކުރިއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ލޮފްޓަސް ޗީކް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އުމުރުން 22 އަހަރުގެ ލޮފްޓަސް ޗީކް އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކު ވެސް މެއެވެ.

ލޮފްޓަސް ޗީކް ގޯލެއް ކާމިޔާބުކޮށްދެނީ

ރޭގެ މެޗުގައި ބާޓޭ ބޮރިސޯވް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރިއޯސްއެވެ.

މި މޮޅާއެކު ޗެލްސީ މިހާރު އޮތީ ގްރޫޕް އެލްގެ އެއްވަނައިގައި 9 ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގައި ދެން ހިމެނޭ ބާޓޭ ބޮރިސޯވް އާއި ވިޑީ އެފްސީގެ އިތުރުން ގްރީސްގެ ޕީއޭއޯކޭ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އާސެނަލް ރޭ މޮޅުވީ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އާއި ބައްދަލުކުރި މެޗުން 1-0 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ވެސް ދެ ޓީމުންކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގައި އާސެނަލް އިން ކުޅުން ރަނގަޅު ކުރިއިރު މި ހާފުގައި އާސެނަލްގެ ފޯވާޑް އޮބަމަޔަންގް ފޮނުވާލި ދެ ހަމަލާއެއް ސްޕޯޓިންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ގޯލަށްފަހު ވެލްބެކް (ވ) އާއި އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި ޑެނީ ވެލްބެކް ވަނީ އާސެނަލް އަށް މެޗުގެ ލީޑު ނަގައިދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މި މެޗުން އާސެނަލް މޮޅުވިއިރު، މިއީ ސީޒަނުގައި އާސެނަލް އިން ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މޮޅާއެކު އާސެނަލް މިހާރު އޮތީ 9 ޕޮއިންޓާ އެކު ގްރޫޕް އީގެ އެއްވަނައިގައެވެ. މި ގްރޫޕްގެ ދެވަނައިގައި ހަ ޕޮއިންޓާ އެކު ސްޕޯޓިން އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޕޮލްޓަވާއެވެ. އަދި ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ގަރަބާގްއެވެ.