ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫ އަތުން ކްލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު ދެވަނަ ބުރުގެ މެޗުގައި ގްރީންއިން ނިލަންދޫގެ މައްޗަށް ކުރިހޯދީ 3-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ގްރީންއަށް 11 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. ލީގު ތާވަލުގެ ފަސްވަނައިގައި އެޓީމު އޮތް އިރު، ހަތަރުވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ 11 މެޗުން 21 ޕޮއިންޓާއެކުގައެވެ. މިއަދުގެ މެޗުން ބަލިވި ނިލަންދޫ ތާވަލުގެ އަށްވަނައިގައި އޮތީ 11 މެޗުން ހަތް ޕޮއިންޓާއެކުގައެވެ.

މިއަދުގެ މެޗަށް ގްރީންއިން ނުކުތީ ކާޑު ހަމަވެގެން ސަސްޕެންޝަނުގައި ހުރި ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ)އާއި އާއްމުކޮށް ފުރަތަމަ 11ގައި ފެންނަ ގޯލްކީޕަރު އިބްރާހީމް ލަބާން ވެސް ނުލައެވެ. ލަބާންގެ ބަދަލުގައި ގްރީންގެ ގޯލް ބެލެހެއްޓީ މުހައްމަދު ޖަޒްލާނެވެ.

ނިލަންދޫންވެސް މިއަދުގެ މެޗަށް ނުކުތީ ދެވަނަ ގޯލްކީޕަރާ އެކުގައެވެ. އާއްމުކޮށް ގޯލް ބަލަހައްޓާ އަލީ ސޮބާހް ސަސްޕެންޝަނުގައި ހުރުމުން އެޓީމުގެ ގޯލް ބެލެހެއްޓީ ހަސަން ވަހީދު އަހުމަދެވެ، މިއަދުގެ މެޗަކީ ނިލަންދޫގެ ދެވަނަ ގޯލްކީޕަރު ލީގުގައި ކުޅުނު ފުރަތަމަ މެޗަށްވުމުން އޭނާގެ ފަރާތުން ބައެއް ގޯސްތައްވެސް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިލަންދޫ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗު ފެށިގެން ދެވަނަ މިނެޓުގައި ގްރީން ލީޑު ނެގިއެވެ. ނިލަންދޫ ގޯލް އޭރިއާ ކަނާތް ފަޅިން ޑިފެންޑަރު ނައްޓާލުމަށްފަހު، ގްރީންގެ ފޯވަޑް އަވީލާ ޖެހި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އެ ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސްގައި ރޮލެންޑް ރަސެލްވެސް ކުރިއަށް ފޮނުވާލި އިރު، އެ ހަމަލާވެސް ޖެހުނީ ގޯލްގެ ހުރަސް ދަނޑީގައެވެ. ހުރަސް ދަނޑީގައި ޖެހި ބޯޅަ ގޯލަށް ވަނީ އޭރިއާ ތެރޭގައި ހުރި ނިލަންދޫގެ ޑިފެންޑަރު އަހުމަދު ސާޖިދުގެ ފައިގައި ޖެހި ބައިކޮޅަށެވެ.

މެޗުގައި އިތުރު ގިނަ ހަމަލާތަކެއް ފެނިފައި ނުވާ އިރު، ގްރީންއަށްވެސް ގޯލަށްފަހު އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ދެޓީމުގެ ކުޅުންތެރިން ފަރާތުންވެސް ޕާސްތަކެއް ގެއްލިގެން ދިޔަތަން ފެނުނު އިރު، މެޗުގެ 21 ވަނަ މިނެޓުގައި ނިލަންދޫގެ އަހުމަދު ނަބީލަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިލަންދޫ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރީތި ޕާހަކާއެކު ނަބީލް ހުސްކޮށް އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ކުރިއަށް ނުކުމެ ދިފާއުކުރީ ގްރީންގެ ގޯލްކީޕަރު ޖަޒްލާނެވެ. އޭގެ އިރުކޮޅެއްފަހުން ގްރީންއަށް ލީޑު ފުޅާކުރާނެ ރަނުގެ ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ފުރަތަމަ ފުރުސަތުގައި އަވީލާ އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޯލް ހުރަސްކޮށް ބޭރަށް ދިޔަ އިރު، ދެވަނަ ފުރުސަތު ލިބުނީ ރަސެލްއަށެވެ.

ގްރީންގެ ވާތް ފަޅިން ނަގައިދިން ހުރަސް، ރަސެލް އޭރިއާ ތެރޭގައި ހުއްޓާ ހުސްކޮށް ލިބުނު ނަމަވެސް، ކޮންޓްރޯލް ކޮށްލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ 34 ވަނަ މިނެޓުގައި ގްރީންއިން ލީޑު ފުޅާކުރިއެވެ.

ނިލަންދޫގެ އޭރިއާ ބޭރުން ގްރީންއަށް ލިބުނު ހިލޭ ޖެހުން އަހުމަދު ރިލުވާން (ރިލޭ) ސީދާ ގޯލަށް ފޮނުވާލި ނަމަވެސް، އޭނާގެ ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. ގޯލްކީޕަރު ބޯމަތިން ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ދަނޑީގައި ޖެހިފައި ނުކުތް ބޯޅައިގެ މިސްރާބު ގޯލާ ދިމާއަށް ބަދަލުވީ ގޯލްކީޕަރުގެ ބުރަކަށީގައި ޖެހިފައެވެ.

އެ ބޯޅަ ގޯލަށް ވަނަނުދީ ސަލާމަތް ކުރުމަށް ނިލަންދޫގެ ގޯލްކީޕަރު ބޯޅަ ހިފި ނަމަވެސް، ލައިސްމަން ނިންމީ ބޯޅަ ގޯލްގެ ރޮނގު ހުރަސްކުރި ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިލަންދޫ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފަށް ނުކުތް އިރު، ގްރީންއިން 2-0ގެ ލީޑެއްގައި އޮތް ނަމަވެސް، އެ ހާފްގައި ވަރުގަދައަށް ކުޅުނީ ނިލަންދުއެވެ. ގިނަ ޕާސްތަކެއް ޖަހައިގެން، އަރިމަތިން ހުރަސްތައް ނަގަން ނިލަންދޫން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި އެޓޭކް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ވަނދު ކުޅުމެއް ފެނިފައިވާ އިރު، ހަމަލާތައްވެސް ފެނުނީ މަދުންނެވެ. ގިނަ އެޓޭކްތަކެއް ނުފެނުނު ނަމަވެސް މެޗު ނިމެން ދަނިކޮށް ގްރީންއިން ލީޑު އިތުރަށް ފުޅާކުރިއެވެ. އަރިމަތިން އަވީލާ މަތިން ނަގައިދިން ހުރަސް، ނިލަންދޫގެ ގޯލްކީޕަރު ބޯމަތިން ކަހަލަ ގޮތަކަށް އޮއްސިގެން ދިޔަ އިރު، އެ ބޯޅަ ބޮލުން ގޯލަށް ވައްދާލީ ރަސެލްއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސްއެވެ.