މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ އެ ކްލަބުގެ ކޮންޓްރެކްޓް އާކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ސްޕެއިން އަށް އުފަން ޑެހެޔާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު، އިތުރު އެއް އަހަރު އޭނާގެ ކޮންޓްރެކްޓަށް އިތުރު ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. ޔުނައިޓެޑުން ޑެހެޔާގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައެވެ.

ޑެހެޔާ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކާ ގުޅޭގޮތުން "ސްކައި ސްޕޯޓްސް" ގައި ވާހަކަދައްކަމުން މޮރީނިއޯ ބުނީ އޭނާ ކޮންޓްރެކްޓް އާކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި އެކަމާ ގުޅޭގޮތުން ސާފު ޖަވާބެއް ދެވޭނީ ޑެހެޔާ އަށާއި އަދި ޔުނައިޓެޑަށް ކަމަށެވެ.

"އެންމެންނަށް ވެސް އިނގޭނެ ޑެހެޔާ އަކީ ކިހާ މޮޅު ކުޅުންތެރިއެއް ކަމާއި، ޔުނައިޓެޑަށް ކިހާ މުހިއްމު ކުޅުންތެރިއެއްކަން. ޔުނައިޓެޑް ވަރުގަދަކޮށް އޮންނަން ބޭނުންވާނަމަ ޑެހެޔާ ހިފެހެއްޓުން މުހިއްމު" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ މިހެން ބުނެފައިވާއިރު މި ސީޒަނަށްފަހު ޑެހެޔާ ގެނައުމަށް ޔުވެންޓަސް އިން ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އުމުރުން 27 އަހަރުގެ ޑެހެޔާ ޔުނައިޓެޑާއި ގުޅުނީ 2011 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑުން 18،9 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޑެހެޔާ ވަނީ ފާއިތުވި ހަތަރު ސީޒަނުގައި ވެސް ޔުނައިޓެޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.