ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގެ ފަހު ވަގުތު އަހުމަދު އިމާޒް (އާއްކޮ) ޖެހި ގޯލުން ކްލަބް އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލް، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އާއްކޮއެވެ.

މާޒިޔާއާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިރޭގެ މެޗުން މޮޅުވެ މާޒިޔާއަށް ވަނީ 11 މެޗުން 25 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. މިރޭގެ ނަތީޖާއާ އެކު ތިން ވަނަ އަށް ވެއްޓުނު އީގަލްސް އަށް ލިބިފައިވަނީ 11 މެޗުން 23 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީވެސް މާޒިޔާއިންނެވެ. ހަލުވި އެޓޭކިން ފުޓުބޯޅައެއް މާޒިޔާގެ ފަރާތުން ފެނިގެން ދިޔަ އިރު، އެޓީމުން ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ކުޅުނެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޑިފެންޑަރު ހަސަން ޝިފާޒާއި ފޯވަޑް ކޯނެލިއަސް ސްޓެވާޓް ދުރުން ފޮނުވާލި ބާރު ހަމަލާތައް އީގަލްސްގެ ކެޕްޓަން، ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށް ބޭރުކޮށްލާފައެވެ. އޭގެ އިތުރުން މެޗުގެ 21 ވަނަ މިނެޓުގައި އީގަލްސްގެ އޭރިއާ ތެރެއިން ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ ސުޖަން އެވެ.

މާޒިޔާއާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އޭގެ އިތުރުން މެޗުގެ 27 ވަނަ މިނެޓުގައިވެސް މާޒިޔާއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. އީގަލްސްއިން އެޓޭކަށް ކުރިއަށް ޖެހުނު ވަގުތު މާޒިޔާއަށް ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ދުއްވާލި ތުރޫ ބޯޅައަށް ކޯނެލިއަސް ހުސްކޮށް އަރާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މާ މަތިން ބޭރަށެވެ.

މާޒިޔާއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވުމުން އީގަލްސްއިންވެސް ހަމަލާތަކެއް ފެނިގެން ދިޔައެވެ. ހަސަން ރާއިފް (ހަންނަ) ދުރުން ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް ޕަންޗުކޮށް ބޭރުކޮށްލި އިރު، ހާފް ނިމެން ދަނިކޮށް ލިބުނު ހިލޭ ޖެހުމުގައި އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާވެސް މަތަކުރީ ގޯލްކީޕަރު ހުސައިނެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. ހާފްގެ ފުރަތަމަ ކޮޅުގައި ރަނގަޅު ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ކޯނެލިއަސް ބޮލުން ފޮނުވާލި ހަމަލާ ގޯލްގެ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އަސައްކޮ ބޮލުން ފޮނުވާލި ހަމަލާ މަތަކުރީވެސް ސުޖަންއެވެ.

މާޒިޔާއާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް މާޒިޔާއަށް ލިބުނު ހަމަލާތަކުގެ ބޭނުން އެޓީމަށް ނުހިފުމުން އީގަލްސްއިން އަނެއްކާވެސް ނުރައްކާ ކުރިއެވެ. ޑިފެންޑަރު އަހުމަދު ނޫމާން މުޅިން ހުހަށް އަރައި ބޮލުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި މަތިން ދިޔައިރު 69 ވަނަ މިނެޓުގައި ހަންނަ ގޯލަށް ފޮނުވާލި ޝޮޓް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ނަތީޖާ މާޒިޔާއަށް ބަދަލުކޮށް ލެވުނީ 88 ވަނަ މިނެޓުގައެވެ. އަރިމަތިން އޭރިއާ ތެރެއަށް ހުރަސްވެގެން އައި ބޯޅަ އާއްކޮ ފޮނުވާލި އިރު، އެ ބޯޅަ ގޯލަށް ވަނީ ގޯލްގެ މަތީ ދަނޑީގައިވެސް ޖެހިފައެވެ. އިތުރު ވަގުތުގެ ތެރޭ އެއްވަރުކުރަން އީގަލްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މުހައްމަދު އާރިފް (ބަކާ) ގޯލުގެ މަތީ ކަނާ ދިމާލަށް އަމާޒުކުރި ހިލޭ ޖެހުން މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސެއިން ހުށިޔާރުކަމާ އެކު ދިފާއުކުރި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގައެވެ.