1-4 އިން ކާޑިފް ސިޓީ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ އެއްވަނަ މަގާމަށް ލިވަޕޫލް އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 26 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ 23 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ލިވަޕޫލް އަތުން ރޭ ބަލިވި ފަސް ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ.

ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ 10 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. މިއީ ލީގުގައި ސަލާހު ކާމިޔާބުކުރި ފަސްވަނަ ގޯލެވެ. މި ގޯލަށްފަހު ވެސް ކާޑިފްގެ ގޯލަށް ނުރައްކާކޮށް ލިވަޕޫލުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލުން ނިންމާލިއިރު މެޗުގެ 66 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 77 ވަނަ މިނެޓްގައި ކާޑިފްގެ ޕެޓަސަން ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ 84 ވަނަ މިނެޓްގައި ޝަގީރީ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ ފަހު ގޯލު އޭގެ ތިން މިނެޓްފަހުން ކާމިޔާބުކޮށްދިނީ މާނޭއެވެ.

ލީގުގައި ލިވަޕޫލުން 10 މެޗު މިހާތަނަށް ކުޅެފައިވާއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން އަށް މެޗުން ލިވަޕޫލް މޮޅުވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އާސެނަލް އާއެވެ.