ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއެކު، އިޓާލިއަން ލީގުގައި ރޭ އެމްޕޮލީގެ މައްޗަށް 2-1 އިން ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިހާރު އޮތީ 28 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެ 21 ޕޮއިންޓާ އެކު އޮތީ ނަޕޯލީއެވެ. ރޭގެ މެޗުން ބަލިވި އެމްޕޮލީ އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

އެމްޕޮލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެމްޕޮލީންނެވެ. މި ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަޕޫޓޯއެވެ. ނަތީޖާ އެއްވަރުކޮށްލަން ޔުވެންޓަސް އަށް ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޔުވެންޓަސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 54 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި މި މެޗުން ޔުވެންޓަސް މޮޅުވި ގޯލުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ އެމްޕޮލީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ ހަތެކަށް އަރައިފައެވެ.

ލީގުގައި ޔުވެންޓަސް އިން 10 މެޗު މިހާތަނަށް ކުޅެފައިވާއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން ނުވަ މެޗުން ޔުވެންޓަސް މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި ޔުވެންޓަސް ދެން ބައްދަލުކުރާނީ ކަގްލިއާރީއާއެވެ.