މިއަހަރުގެ ކުރީކޮޅު ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވެފައި ތިއްބާ ސަލާމަތްކުރި ކުދިން މެންޗެސްޓަރ ޔުނެއިޓެޑުން ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗު ބަލާލުމަށް ތައްޔާރުވެއްޖެއެވެ.

ހޮހޮޅައިން ސަލާމަތްވި ހުރިހާ ކުދިންނަކީ ވެސް ތައިލޭންޑުގެ "ވައިލްޑް ބޯރ" ނަމަކަށް ކިޔާ ފުޓްބޯޅަ ޓީމަކަށް ނިސްބަތްވާ ކުދިންތަކެކެވެ. އެ ކުދިންނާއެކު އެޓީމުގެ ކޯޗުވެސް ހޮހޮޅައިގެ ތެރޭގައި ތާށިވިއެވެ.

ޔުނައިޓެޑްގެ މެޗެއް ބަލާލުމަށް މި ކުދިންނަށް ދައުވަތު ދީފައިވަނީ، އެ ކްލަބުގެ ވައިސް ޗެއާމަން އެޑްވުޑްވާޑް އެވެ.

މި ކުދިން އިއްޔެ ވަނީ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނާއި އަދި އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ބައްދަލުކޮށްފައެވެ. މިރޭ ޔުނައިޓެޑުން ކުޅޭ މެޗުގެ ހާއްސަ މެހެމާނުންނަކީ ވެސް މި ކުދިން ކަމަށްވާއިރު، މެޗު ފެށުމުގެ ކުރިން ދަނޑު މަތީގައި ހިނގާލުމުގެ ފުރުސަތު މި ކުދިންނަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ތައިލެންޑުގެ އުތުރުގެ ޝިއަންގ ރާއީ ސަރަޙައްދުގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި މި ކުދިން ތާށިވެފައިވަނީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ކުދިންނާއި އަދި ކޯޗު، އެތަނަށް ގޮސްފައިވަނީ ހޮހޮޅަތެރެ ބަލާލުމަށެވެ. އެތަނުގައި އެކުދިން ތާށިވެފައިވަނީ ބޯކޮށް ވާރޭވެހި، ހޮހޮޅައިގެ ބޭރުގައި ފެންބޮޑުވުމާ ގުޅިގެންނެވެ.