ލުއިސް ސުއަރޭޒްގެ ހެޓްރިކުން، ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 1-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ބާސާ މިހާރު އޮތީ 21 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 19 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ބާސާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައިނުވާއިރު، މި މެޗުގެ 11 ވަނަ މިނެޓްގައި އަލްބާ ދިން ޕާހަކުން ފިލިޕް ކުޓީނިއޯ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ބާސާ އަށް ލިބުނު ޕެނަލްޓީ އަކުން ލުއިސް ސުއަރޭޒް ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ޕެނަލްޓީ ބާސާ އަށް ލިބުނީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ވަރާން، ސުއަރޭޒް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ބާސާ އިން ތަނަވަސްކޮށްފައިވާއިރު، ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ރެއާލްގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި މާސެލޯ ވަނީ ރެއާލް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކޮށްލަން ރެއާލްގެ މޮޑްރިޗް އާއި ބެންޒެމާ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް މޮޑްރިޗް ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު ހުހަށް ހުރެ ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި ފުރުސަތުތަކުގެ ބޭނުން ރެއާލް އަށް ނުހިފުނުއިރު މެޗުގެ 75 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 83 ވަނަ މިނެޓްފަހުން ސުއަރޭޒް ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ 2014 ވަނަ އަހަރަށްފަހު މި ދެ ޓީމު ބައްދަލުކުރި މެޗެއްގައި ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރުވެސް މެއެވެ.

ބާސާގެ ފަސްވަނަ ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ޑެމްބެލޭ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އާޓޫރޯ ވިޑާލްއެވެ.

މިއީ ލީގުގައި ޖެހިޖެހިގެން ރެއާލް ބަލިވި ތިންވަނަ މެޗު ކަމަށްވާއިރު، އެންމެފަހުން އެޓީމު ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވަނީ 2009 ވަނަ އަހަރުއެވެ. މި މެޗުން ރެއާލް ބަލިވުމުން އެޓީމުގެ ކޯޗު ލޮޕެޓެގީގެ މަގާމު ގެއްލިދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑު ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚޖލ

    މޮޑްރިޗް ފޮނުވާލި ޖެހުނީ ހުރަސްދަނޑީގައޭ؟ ސުބްޙާނަﷲ. ކޮއިފުޅު ދަންނަންތަ ހުރަސްދަނޑި؟ ނޫނީ ބެލީ އެއް ލޮލުންތަ؟ ހުރަސްދަނޑި ކިޔަނީ މަތީގައި އަޅާފައި އޮންނަ ދަނޑިއަށް. އެ ބޯޅަ ޖެހުނީ ގޯލްކީޕަރުގެ ވާތްފަރާތު އަރިމަތީ ދަނޑީގައި. އެކަމަކުވާ ކަލެއަށް ސާބަސް.

  2. މެސީ

    ސާބަހޭ....ބާސާ ކުދިންކޮޅަށް