ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި ލެސްޓަ ސިޓީގެ ވެރިޔާ އަދި ތައިލެންޑުގެ ބިލިއަނަރު ވިޗާއި ސްރިވަދައްނަޕްރަބަ މަރުވެއްޖެއެވެ.

ލެސްޓާގެ ވެރިޔާގެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެސްޓަ ސިޓީ އާއި ވެސްޓްހަމް ޔުނައިޓެޑް 1-1 އިން އެއްވަރުވި މެޗަށްފަހު، ލެސްޓާގެ ސްޓޭޑިއަމް ކަމަށްވާ "ކިންގް ޕަވާ ސްޓޭޑިއަމް" އިން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސްޓޭޑިއަމްގެ ބޭރުގައި ކާރު ޕާކު ކުރުމަށް ހަދާފައިވާ ސަރަހައްދަށެވެ.

މި ހާދިސާ ހިނގި ވަގުތު ވިޗާއީގެ އިތުރުން އެ ހެލިކޮޕްޓަރުގައި އިތުރު ހަތަރު މީހުން ތިއްބެވެ. އެއީ ވިޗާއީގެ ދެ ސްޓާފުންނާއި ޕައިލެޓާއި އަދި އިތުރު ފަސެންޖަރެކެވެ. މި ހާދިސާގައި އެ އެންމެންވެސް ވަނީ މަރުވެފައެވެ.

އުމުރުން 60 އަހަރުގެ ވިޗާއީ މަރުވުމާއި ގުޅިގެން ލެސްޓާ އިން ވަނީ ވިޗާއީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް އެ ކްލަބުގެ ސްޓޭޑިއަމްގައި ހުޅުވުމަށް ނިންމާފައެވެ. އަދި އިނގިރޭސި ލީގު ކަޕްގައި މާދަމާ ރޭ ސައުތްހެމްޓަން އާއި ދެކޮޅަށް ލެސްޓާ އިން ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ވަނީ އެހެން ތާރީހަކަށް ފަސްކޮށްފައެވެ.

ވިޗާއީ މަރުވުމާ ގުޅިގެން ލެސްޓާގެ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބުތަކުގެ އިތުރުން ސަޕޯޓަރުން އަންނަނީ އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.

ތައިލެންޑުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ވިޗާއި ލެސްޓަ ސިޓީ ބައްލަވައިގަތީ 2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށެވެ. އަދި 2014 ވަނަ އަހަރު ލެސްޓާ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވިއިރު، ގިނަ ބަޔަކު ސިއްސުވާލުމަށްފަހު ލެސްޓާ އިން ވަނީ 2015/16 ވަނަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގެ ޕްރިމިއާ ލީގުގައި ލެސްޓާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ޕްރިމިއާ ލީގު ކާމިޔާބު ކުރުމުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ވެސް ލެސްޓާ އަށް ލިބިފައިވެއެވެ. އެ މުބާރާތުގެ ކުއާޓާފައިނަލާއި ހިސާބަށް ލެސްޓާ ދަތުރުކޮށްފައިވެއެވެ.